އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އެންމެފަހުގެ ޗެމްޕިއަން ޗެލްސީއަށް ހާސަކަން ކުރިމަތިވެއްޖެއެވެ.

ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައިވާއިރު، ޗެލްސީ އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި އޮތީ ޓޮޓެންހަމްއެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ ޔުނައިޓެޑަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ.

ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރ ޕައުލް ޕޮގްބާ --- ފޮޓޯ/ އޭޕީ

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުން ޗެލްސީގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ގިނަ ހަމަލާތަކެއް އުފެއްދީ ޗެލްސީންނެވެ. ހާއްސަކޮށް އެޓީމުގެ ފޯވަޑް އަލްވާރޯ މޮރާޓާއަށް ލިބުނު ހުސް ދެ ފުރުސަތު ފާހަގަކޮށްލެވުނެވެ. އޭނާގެ ދެ ފުރުސަތުވެސް ބޭކާރުވެފައިވާއިރު، ދެވަނަ ފުރުސަތު އަމާޒުވެފައިވަނީ ގޯލްގެ ދަނޑިއަށެވެ.

މެޗުގައި ޗެލްސީން ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރ ވިލިއަންއެވެ. ވިލިއަންގެ ގޯލަށްފަހު މާ ގިނަ ވަގުތު ޗެލްސީއަށް ލީޑު ދެމެހެއްޓޭ ގޮތެއް ނުވިއެވެ. އޭގެ އަށް މިނެޓް ފަހުން ޔުނައިޓެޑުންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޔުނައިޓެޑްގެ ގޯލް ކާމިޔާބުކޮށްދިނީ ކުރިން ޗެލްސީއަށް ކުޅުނު ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

ޔުނައިޓެޑްގެ އެލެކްސިސް ސަންޗޭޒާއި ވިލިއަން ކުރިމަތިލަނީ --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައި ޔުނައިޓެޑުންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހާއްސަކޮށް އެޓީމުގެ ފޯވަޑް ލައިންގެ ކޮންބިނޭޝަން ރަނގަޅު ކަމަށް ފާހަގަ ކޮށްލެވުނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ހެސޭ ލިންގާޑުގެ ގޯލުން ޔުނައިޓެޑުން މެޗުގެ ލީޑު ނަގައިފައިވާއިރު، މިއީ މި ސީޒަންގައި ލިންގާޑް ކާމިޔާބުކުރި 13 ވަނަ ގޯލައެވެ.

ރޭގެ މެޗުގައި ޗެލްސީގެ ކޯޗު ކޮންޓޭއާއި ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ --- ފޮޓޯ/ އޭޕީ

މެޗަށް އަނބުރާ އައުމަށް ޗެލްސީން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޔުނައިޓެޑުން ދެއްކި ވަރުގަދަ ކުޅުމާއެކު އެޓީމަށް އެކަން ހާސިލްވެފައެއް ނުވެއެވެ. ހާއްސަކޮށް މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީގެ ތަރި އެޑިން ހަޒާޑްގެ ބަދަލުގައި ޕެޑްރޯ ރޮޑްރިގޭޒް ނުކުތް ހިސާބުން ޗެލްސީގެ އެޓޭކް ފެނުނީ ބަލިކޮށެވެ.