ފަހު ވަގުތު މެޗުގެ ނަތީޖާ ހަމަހަމަކޮށް ކްލަބު ގްރީން ސްޓްރީޓްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހޯދައިފި އެވެ.

މާލޭ ލީގުގެ ދެވަނަ މެޗުގައި ރޭ ގްރީން އާއި މާޒިޔާ ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާއިން ދެ ގޯލް ޖަހާފައިވަނިކޮށް ގްރީންއިން ދެ ގޯލް ޖެހީ މެޗުގެ ފަހު ހަ މިނެޓު ތެރޭގަ އެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗު ފެށިގެން 10 ވަރަކަށް މިނެޓް ތެރޭގައި މާޒިޔާއިން ކުރިއަށްޖެހި ޕްރެޝަރު ކުރިތަން ފެނިގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 17 ވަނަ މިނެޓުގައި މާޒިޔާ އިން ލީޑު ނެގި އެވެ. ގްރީންގެ ފަހަތުން ހެދި ގޯހެއްގެ ބޭނުންހިފައި މާޒިޔާއަށް އެ ގޯލް ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު މި ސީޒަނަށް މާޒިޔާއަށް ބަދަލުވި ވިންސެންޓްގެ ފޯވަޑް، ކޯނެލިއަސް ސްޓެވާޓެވެ.

މާޒިޔާގެ ދެވަނަ ގޯލަށް ފަހު ސްޓެވާޓް އުފާފާޅުކުރަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މެޗުގެ ފުރަތަމަ ގޯލަށް ފަހު ދެ ޓީމުން ވެސް އިތުރު ހަމަލާތަކެއް އުފެއްދިތަން ފެނިފައެއް ނުވެ އެވެ. ދަނޑުގެ މެދުތެރޭގައި ގިނަ ވަގުތު ބޯޅަ ފެނިފައިވާ އިރު، މާޒިޔާގެ އަހުމަދު އިމާޒު (އާއްކޮ) އަދި ގްރީންގެ މުހައްމަދު ރިސްވާން (ފުކޭ) އަށް ލިބުނު 'ހާފް ޗާންސް'ތައް ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފަށް ނުކުމެ ފުރަތަމަ 20 މިނެޓް ވެސް ފެނުނީ މާ ބޮޑު ހަމަލާތަކެއް ނުފެނި އެވެ. އެހެން ނަމަވެސް 61 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ފަހި ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. ގްރީންގެ އޭރިއާ ތެރެއިން މާޒިޔާގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބާރު ހަމަލާ ކީޕަރު ދިފާއުކޮށް އޭރިއާ އިން ބޭރުކޮށްލި ނަމަވެސް ދެވަނަ ފުރުސަތުގައި މާޒިޔާގެ އިސްމާއީލް އީސަ (މެސީ) ވެސް ވަނީ އެ ބޯޅަ އަނެއްކާ ގޯލާ ދިމާލަށް ފޮނުވާލައިފަ އެވެ. މެސީ ފޮނުވާލި ހަމަލާގެ ވެސް ހުރަހަކަށްވީ ގްރީންގެ އުޒުބަކިސްތާން ކީޕަރު ސާގީ ސްމޮރިޑިންނެވެ.

ގްރީންއަށް މެޗުގެ ފުރަތަމަ ގޯލް ޖަހައިދިން ޑިފެންޑަރު އެފިމްޗަކް: އޭނާވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މެޗުގެ 79 ވަނަ މިނެޓުގައި ކޯނެލިއަސްގެ ދެ ވަނަ ގޯލާ އެކު މާޒިޔާ އިން ލީޑު ފުޅާކުރި އެވެ. ކޯނެލިއަސް އަށް އެ ގޯލްއަށް އެސިސްޓްކޮށްދިނީ މެސީ އެވެ. ގޯލަށް ފަހު މާޒިޔާ އިން ހަމަޖެހިލި ނަމަވެސް މެޗުގެ ފަހު 10 މިނެޓުގައި ގްރީންއިން ވަނީ މާޒިޔާގެ ޑިފެންސަށް ނުރައްކާކޮށްފަ އެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ގްރީންގެ އަހުމަދު ރިލުވާން ނަގައިދިން ހުރަސް، ގޯލްގެ ތެރެއަށް ފޮނުވާލާ ގްރީންގެ ޑިފެންޑަރު އޮލެ އެފިމްޗަކް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. އަދި މާޒިޔާގެ އޭރިއާ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމުގެ ފައިދާ ނަގައި މެޗުގެ 90 ވަނަ މިނެޓުގައި ގްރީންއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިލިއާ ސްބޮލް އެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ކްލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާއާ ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭ ލީގުގައި ދެމެޗު މިއަދު ވެސް އޮންނާނެ އެވެ. ހަވީރު އޮންނަ މެޗުގައި ވޭތުވެދިޔަ އަހަރުގެ ޕްރިމިއާ ލީގު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރާ އިރު، މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއި ކްލަބު ވެލެންސިއާ އެވެ.