25 Feb 2018, 21:52
މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު އެއްބުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރުމާލު 2 ޖަގަހާގައި މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް އޭނާ ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ.
"އަޅުގަނޑު މި ވާހަކަ ދައްކަނީ އަމިއްލަ ހައިސިއްޔަތަކުން ނޫން. އަޅުގަނޑު މި ވާހަކަ ދައްކަނީ މި ގައުމުގެ ބޮޑު ހިއްސާ އެއް އަދާކުރާ ޒުވާނުންގެ ފަރާތުން. އަދި ގައުމަށްޓަކައި ހެޔޮއެދޭ ފަރާތްތަކުގެ ނަމުގައި،" މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ 50 ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި އެންމެ ގާބިލު ބޭފުޅަކީ ރައީސް ޔާމީނު ކަމަށާއި އެމަނިކުފާނުގެ ހަމައެކަނި އަމާޒަކީ މި ގައުމަށް ތަރައްގީ ގެނެސްދެއްވުން ކަމަށެވެ.
"އަޅުގަނޑުމެން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވާނީ ސީދާ ވޯޓު ފޮށިން. އަޅުގަނޑުމެނަށް މުހިންމީ މަދު ބަޔަކު ލިޔާ އެއްޗެއް ނޫން. މުހިންމީ ރައްޔިތުންގެ އަޑު. ރައްޔިތުން ވޯޓޮ ފޮށި ކައިރިއަށް ގޮސް ވޯޓު ލައިގެން ބޮޑު އަގްލަބިއްޔަތަކުން ރައީސް ޔާމީން ހޮވާނެ މި ފަހަރު،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ބައެއް މީހުން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި ބައިނަލްއަގްވާމީ އޮބްޒާވަރުން ހާލަތު ބަލާލުމަށް ރާއްޖެ އައުމަށް ގޮވާލާކަމަށެވެ.
"މިވަގުތަކީ ރާއްޖޭގެ ތާރީޚުން އާ ސަފުހާތަކެއް ހުޅުވައި އިތުރު ތަރައްގީގެ މަޝްރޫއުތަކެއް ހިންގަންވީ ވަގުތު. އެކަން ކުރައްވާނީ ރައީސް ޔާމީން. އެމަނިކުފާނު ވަނީ އެމަނިކުފާނު ގެންނެވި ވައުދުތަކުގެ އިތުރަށް ވެސް އެތައް ކަންތައްތަކެއް މި ގައުމަށްޓަކައި ކޮށްދެއްވާފަ،" މުންދު ވިދާޅުވިއެވެ.
ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެރިކަން ވައްޓާލުމަށް އެކިފަހަރު މަތިން މަސައްކަތް ކުރި ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ "ދައުރު ނިމުމުގެ ކުރިން ބަޣާވާތެއްކޮށްގެން ވެރިކަން ވައްޓާލަން" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.