ޗެލްސީއާއި އަލަށް ގުޅުނު ބެލްޖިއަމްގެ ޒުވާން ފޯވާޑް ރޮމެލޫ ލުކާކޫގެ ކުޅުން ބަލާލުމަށް ޗެލްސީގެ ސަޕޯޓަރުން ކެތްމަދުވެފައިވާއިރު، ބޮޑެތި ކުލަބުތަކުން އޭނާގެ ކުޅުން ބަލައި ހުއްޓުވާނެގޮތަކާއި މެދު ވިސްނުމަށް ކުރަމުންދާ އިންތިޒާރީތައް ނިމުމަކަށް އަންނާނީ ކިހާ އަވަހަކަށްކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ޗެލްސީ ކުޅުނު މެޗުގައި ކޯޗް އަންދުރޭ ވިލަސް ބޮއަސްއަށް ލުކާކޫ ނެރެވެން އޮތްނަމަވެސް ސްކޮޑްގައި އޭނާ ހިމަނާފައެއް ނުވެއެވެ. ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީއާއި ވެސްޓް ބްރޮމް ބައްދަލުކުރި ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ލުކާކޫ ކުޅި ބަލަމުންދިޔައިރު ގިނަ ކެމެރާތަކެއްގެ އަމާޒަކަށް އޭނާ ވެގެންދިޔައެވެ.

އުމުރުން އަށާރަ އަހަރުގެ ފޯވާޑް ލުކާކޫ ފެނިގެންދާނީވެސް ޗެލްސީގެ އަށާރަ ނަމްބަރު ޖާޒީގައެވެ. ލުކާކޫއަކީ ބެލްޖިއަމްގެ ސީނިއާ ގައުމީ ޓީމުގައިވެސް އިސް ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ލުކާކޫ ވަނީ ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެއިތުރުން ލީގުގައި މިދިޔަ ސީޒަންގައި އެންޑަލެޗްޓްއަށް ލުކާކޫވަނީ 37 މެޗުން ސޯޅަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ލުކާކޫ ޗެލްސީ އަށް ކުޅެން ބޭނުންވާވަރު ކިތަންމެހާވެސް ބޮޑަށް ޗެލްސީގެ ރަސްމީ ވެބްސައިޓަށް އޭނާ ދިން އިންޓަވިއުއިން ވަނީ ހާމަވެފަ އެވެ.

ޗެލްސީގެ ކުޅުންތެރިއަކަށް ވެވުނީމަ ކޮންކަހަލަ އިޚްސާސްތަކެއް ކުރެވެނީ؟
ވަރަށް އުފާވެއްޖެ. އަހަރެންގެ ހުވަފެނެއް ހަގީގަތަކެއް މި ބަދަލުވީ. އުމުރުން ދިހަ އަހަރުން ފެށިގެން ޖޯން ޓެރީ، ފްރޭންކް ލަމްޕާޑް އަދި ޑިޑިއޭ ޑްރޮގްބާއާއި ސަލާމްކުރުމަށް އަޒުމް ކަނޑައެޅިން. މިކަހަލަ ބޮޑު ކުލަބަކަށް ބަދަލުވެވުނީތީ ވަރަށް އުފާކުރަން.

ޗެލްސީއާ ގުޅުމަށް ޚިޔާލު އުފެދުނީ ކިހާ ހިސާބަކުން؟
އަހަރެންގެ އުމުރުން އެންމެ ނުވަ އަހަރުގައި ޕްރެމިއާ ލީގު މެޗްތައް ބަލަން ފެށިން. ކޮންމެ ހަފްތާއެއްގެ ބަންދުތެރޭ ލީގު މެޗްތައް ބަލަން. ޗެލްސީގެ ކުރީގެ ތަރި ޖިމީ ފްލޮއިޑް ހަސެލްބޭންކް ގޯލްޖަހާތަން ބަލަން. ހަސެލްބޭންކް މެންޔޫ ކޮޅަށް ޖެހި މޮޅު ލަނޑުގެ ފަހުން މި ކުލަބަށް ސަޕޯޓުކުރަން ފެށިން.

ފަހަކަށްއައިސް ލުކާކޫއާއި ޑްރޮގްބާގެ ކުޅުމަށް އަޅާކިއިފައިވޭ. މިކަމަށް ކީކޭ ބުނާނީ؟
އަހަރެމެން ކުޅޭގޮތް ބައެއް ފަހަރު އެއްގޮތް. ނަމަވެސް އޭގެ އިތުރުން އަހަރެން ކުޅުން އަވަސްވާނެ. ޑްރޮގްބާ ކައިރިންނާއި ޓީމުގެ ތަޖުރިބާ ގިނަ އެހެން ކުޅުންތެރިންގެ ފަރާތުން މެޗްތަކަށް ތައްޔާރުވާނެ ގޮތް ދަސްކުރަން ބޭނުން.

ލުކާކޫގެ އެހެން ހުނަރުތަކާއި ބަލިކަށިކަމަކީ ކޮބާ؟
އަހަރެންނަކީ ދެފައިންވެސް ކުޅޭ ކުޅުންތެރިއެއް. އަހަރެން ކޮންމެ ދުވަހަކުވެސް ކުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަން. އަމިއްލައަށް ވެސް ފަރިތަކޮށް ކުޅުން ރަނގަޅުކުރެވޭތޯ މަސައްކަތްކުރަން. ޒުވާން ކުޅުންތެރިއަކަށް ބޭނުންވާނެ އެންމެ މުހިންމު އެއްޗަކީ ޓްރެއިނިންގް. ކޯޗު އަމިއްލައަށް މެޗްތަކުގައި އަހަރެން ބައިވެރިކުރަން ނިންމަންދެން ފަރިތަކުރުންތަކުގައި ކުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަން.

އަށާރަ އަހަރުގެ ކުޅުންތެރިއަކަށް ލިބޭނެ ހުރިހާ ތަޖުރިބާއަށް ލުކާކޫއަށް ލިބިފައިވާކަމަށް ގަބޫލުކުރަންތަ؟
ގަބޫލުކުރަން. އަހަރެންނަށް ބެލްޖިއަމްގައި ކުޅެ ރަނގަޅު ތަޖުރިބާތަކެއް ލިބުނު ނަމަވެސް އަހަރެން ބޭނުންވީ ޗެލްސީ ކަހަލަ ބޮޑު ކުލަބަކާއި ގުޅި އިތުރު ތަޖުރިބާތަކެއް ހޯދަން. މި ކުލަބުގައި ތިބި ގިނަ ކުޅުންތެރިންތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކުޅެ އެތައް ކާމިޔާބީތަކެއް ލިބިފައިހުރި ކުޅުންތެރިން. އަހަރެންވެސް ބޭނުންވަނީ އެކަހަލަ ކުޅުންތެރިއަކަށް ވާން.

މިދިޔަ ސީޒަންގައި ޗެލްސީއަށް އެއްވެސް މުބާރާތެއް ކާމިޔާބުވެފައިނުވުމުން މިސީޒަންގައި ދިމާވާނެ ޕްރެޝަރުތައް އެނގޭތަ؟
އަހަރެންނަށް އެނގޭ ޕުރެޝަރާއި ކުރިމަތިވެފައިވާކަން. މިހާރު ތިބި މޮޅު ހުނަރުތައްހުރި ކުޅުންތެރިންނާއި މޮޅު ކޯޗުގެ އެހީތެރިކަމުގެ ދަށުން މިސީޒަން ކުލަބަށް ކާމިޔާބީ ހޯދިދާނެކަމާމެދު ޝައްކެއްނެތް.

މިސީޒަނުގައި ހާސިލު ކަނޑައަޅާފައިވާ އަޒުމުތަކަކީ ކޮބާ؟
ފުރަތަމަ ކަމަކަށް އަހަރެން ބޭނުންވަނީ ޓްރެއިންވެ ކުރިއަރަން މަސައްކަތްކުރަން. ކޯޗަށް އަހަރެންގެ ހުނަރުތައް ދައްކާ މެޗުތަކުގައި ބައިވެރިވުމަށް ވަރަށް މަސައްކަތްކުރާނަން. ޓީމަށް ފައިދާހުރި ކުޅުމެއް ދެއްކުމަށް އަހަރެންނަށް ލިބިފައިހުރި ހުރިހާ ހުނަރެއް ބޭނުންކުރާނަން.