25 Feb 2018, 21:35
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާތަނަށް ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ހުޅުމާލޭގައި އަޅާ ޓަވަރުތަކުގެ މަޝްރޫހު އިފްތިތާހުކޮށްފިއެވެ.
މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި، އެ މަޝްރޫހު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ގިނަ މުވައްޒަފުންގެ އިތުރުން އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ހިޔާ" މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅަނީ 15 ބުރީގެ ދެ ޓަވަރެވެ. އެ ޓަވަރުތައް އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އަށެވެ. މިއީ ދެ އަހަރު ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މިއަދުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެ ކުންފުނިން އަޅާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓުތައް ހާއްސަކުރަނީ ޒުވާނުންނަށް ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މި ޕްރޮޖެކްޓުގެ ތެރެއިން 384 ފްލެޓް އަޅާނެ. މިތަނުން 72 ފްލެޓް ހާއްސަކުރެވިގެން ދާނީ ޒުވާނުންނަށް، އެއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަލަތު ކައިވެންޏަށް ހާއްސަކުރެވޭ ފްލެޓްތަކެއް، އެއީ ފުރަތަމަ ފަންގި ފިލާއާއި ދެވަނަ ފަންގިފިލާ،" ފަޒުލް ވިދާޅުވިއެވެ.
ތިންވަނަ ފަންގިފިލާއިން ފެށިގެން މަތީގެ ފްލެޓުތައް ހާއްސަ ކުރެވިފައިވަނީ ސްޓާފުންނަަށްް ކަމަށާއި އަދި އެ އެޕާޓްމަންޓްތަކުގައި އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ކެޓަގެރީތައް ހިމެނޭ ކަަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފަޒުލް ވިދާޅުވީ ފްލެޓްތައް ދިނުމުގައި ގެންގުޅޭނެ އުސޫލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށާއި އެމްޑަބްލިއުއެސްސީގެ މުވައްޒިފުންގެ ތެރެއިން ދެބައިކުޅަ އެއްބައި މުވައްޒިފުންނަށް ފްލެޓްތައް ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ބިޔަ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފައެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ.