25 Feb 2018, 18:09
މި އަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުންހާއްސަ ދުވުމެއްހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ދުވުން އޮންނާނީ، އަންނަ މާރޗް މަހުގެ ނުވަވަނަ ދުވަހު ހެނދުނު 7:00ގައި ހުޅުމާލޭގައެވެ.
އެ ދުވުމުގައި ބައިވެރިވެވޭނީ ހަމަ އެކަނި އަންހެނުންނަށެވެ. އެ ދުވުން އިންތިޒާމް ކުރާ ވުމެން އިން މެނޭޖްމަންޓުން ބުނެފައިވަނީ އެފަދަ ދުވުމެއް ބާއްވަން ނިންމާފައިވަނީ އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ދުނިޔެއަށް ދެއްކުމަށް ކަމަށެވެ.
އެ ދުވުމުގެ ތެރޭގައި ޚާއްސަ އޮބްސްޓިކަލްތަކެއް ރޭވިފައި ހުންނާނެ ކަމަށާއި ދުވުމުގެ ތެރެއިން އެ އޮބްސްޓިކަލްތައް އެ ބައިވެރިއަކު ބޭނުންވާ ގޮތަށް ގިރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ރޭސް އިންތިޒާމް ކުރާނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކަމަށް ވުމެން އިން މެނޭޖް މަންޓުން ބުންޏެވެ. އެ ރޭހުގައި ބައިވެރިވެވޭނީ ހިލޭ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.
ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށްޚާއްސަކުރެވިފައިވާ އޮންލައިން ފޯމްފުރުމަށް ފަހު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ދުވުން އިންތިޒާމް ކުރާ ފަރާތުން ބުނީ ދުވުމުގެ ހުރިހާ ކަމެއް އިންތިޒާމް ކުރާނީ ކަނބަލުން ކަމަށާއި ދުވުން ކުރިއަށްދާއިރު ފިރިހެން ބޭފުޅުންނަށް ކަނބަލުންނަށް ހިތްވަރު ދިނުމަށް ބައިވެރިވެވިދާނެ ކަމަށެވެ. ދުވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، 7946687 ނަންބަރަށް ގުޅުމަށް ވުމެން އިން މެނޭޖްމަންޓުން ބުންޏެވެ.
ކަނބަލުން އެކަނި ބައިވެރިވާ ދުވުމުގެފިޓްނަސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ޓްރެއިން ވިތު ކައި" އެވެ.