22 Aug 2011, 13:20
އާޖެންޓިނާގެ މިހާރުގެ ތަރި ސާޖިއޯ އަގުއެރޯއާއި ކުރީގެ ތަރި ޑިއޭގޯ މެރަޑޯނާގެ ކުޅުން އެއްގޮތްކަމަށް ބުނަމުން ދާތީ، އެކަމަށް އަގުއެރޯ ނުރުހުން ފާޅުކޮށް ފުޓުބޯޅާގައިވަނީ އެންމެ މެރަޑޯނާއެއްކަމަށް ބުނެފިއެވެ.
މެރަޑޯނާގެ އަންހެން ދަރިއަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ އަގުއެރޯ ބުނާގޮތުގައި މެރަޑޯނާއަކީ އޭނާއަށްވުރެ މާމަތީ ފަންތީގައި ފުޓުބޯޅަ ކުޅުނު މީހެކެވެ. އަދި މަރަޑޯނާއާ އޭނާއާ ވަރުން ނޭޅުވޭނެ ކަމަށެވެ.
"އަހަރެންނާއި މެރަޑޯނާގެ ކުޅުން އެއްގޮތްކަމަށް މީހުން ބުނާތީ އަޖައިބުވަން. ފުޓުބޯޅާގައި ހުރީ އެންމެ މެރަޑޯނާއެއް. އެމީހުން އެހެން ބުނަމުންއެދަނީ އެއްވެސް އެއްޗެއް ނޭނގި. އެއްވެސް އިރެއްގައި އަހަރެންގެ ކުޅުމާއި މެރަޑޯނާގެ ކުޅުން އެއްގޮތެއް ނުވާނެ." މެންޗެސްޓާ ސިޓީ ފޯވާޑް އަގުއެރޯ ބުންޏެވެ.
މެރަޑޯނާގެ ކުޅުމާއި އެއްވަރަށް އެއްވެސް ކުޅުންތެރިއަކަށް ކުޅުން ދެއްކިފައިނުވާކަން އަގުއެރޯ ބުނެ އެވެ.
"އަހަރެންނަށް ފުޓުބޯޅަ ކުޅެވިދާނެ. އެކަމަކު އަހަރެން ދުވަހަކުވެސް ނުބުނާނަން އަހަރެން މިއީ އާ މެރަޑޯނާއޭ. އޭނާއަކީ ބޯޅަ ފައިގާ ޖެހުމުން އެތަކެއް ޖާދޫތަކެއް ދައްކާ ކުޅުންތެރިއެއް. މެރަޑޯނާއަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ލީޑަރެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ކުޅުންތެރިއެއް. އެއްވެސް ކުޅުންތެރިއެއް. އަދި އެއްފަހަރު ރިޕީޓްކުރަން. އެއްވެސް ކުޅުންތެރިއަކަށް މެރަޑޯނާއާ އެއް ފެންވަރަކަށް ކުޅުން ދެއްކިފައެއްނެތް." އަގުއެރޯ ބުންޏެވެ.
ދެވަނަ މެރަޑޯނާއަކަށް އަގުއެރޯ ނުވާނެކަމަށް ބުނިނަމަވެސް މެރަޑޯނާގެ ބައެއް ހުނަރުތަކާއި އޭނާގެ ހުނަރުތަކާއި އެއްގޮތްކަން އަގުއެރޯ ވެސް ފާހަގަކޮށްފައިވެއެވެ.
"އަހަރެމެންގެ ދެމީހުންގެ ބައެއް ހުނަރުތައް އެއްގޮތޭ ބުނެވިދާނެ. ދެ މީހުންވެސް ކޮއްޓުމަށް ލޯބިކުރަން. އަވަހަށް ކުޅެ ގޯލާއި ވެސް ރައްޓެހި. މެރަޑޯނާއަކީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. ނަމަވެސް އަހަރެންނަކީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަކަށް ވާދަވެރި ކުޅުންތެރިއެއް." އަގުއެރޯ ބުންޏެވެ.
މިސީޒަނުގައި ސްޕެއިންގެ އެތުލެޓީކޯ މެޑްރިޑުން މެންސިޓީއަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި އަގުއެރޯ ދެ ލަނޑު ކާމިޔާބުކުރި ނަމަވެސް ދެވަނަ މެޗުގައި އެކުޅުން ދެއްކިފައެއް ނުވެއެވެ.