25 Feb 2018, 16:14
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަދި ވެސްޓް ހަމް ވާދަކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލްގެ ގޯލްތައް ކާމިޔާބުކޮށްދިނީ އެމްރޭ ޗޭން އާއި މުހައްމަދު ސަލާހުގެ އިތުރުން ސަޑިއޯ މަނޭ އަދި ރޮބާޓޯ ފިރްމިނޯ އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ފެނުނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރިތަނެވެ.
"ހުރިހާ ޓީމަކުން ވެސް އުންމީދު ކުރާނީ މިފަހަދަ މެޗުތަކަށް. އެކަމަކު މަދު ފަހަރެއްގައި މިކަހަލަ ކުޅުމެއް ފެންނާނީ. ލީގު ތާވަލަށް ބަލައި ރޭގެ މެޗަކީ މުހިއްމު މެޗެއް. ކުޅުންތެރިން ދައްކައިދިނީ ފުރިހަމަ މެޗެއް،" ކްލޮޕް ބުންޏެވެ.
ރޭގެ މެޗުން މޮޅުވެ ލިވަޕޫލުން ތާވަތަލުގެ ދެވަނައަށް ވަގުތީ ގޮތުން ޖެހިލައިފައިވާ އިރު، ތިންވަނާގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑަށް އަނބުރާ ދެވަނަ މަގާމަށް ދެވޭނީ މިރޭ ޗެލްސީ ބަލިކޮށްގެންނެވެ.

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް --- ފޮޓޯ/ އޭޕީ
"ދެވަނާގައި އޮވެވޭނެ ކަމެއް ނޭނގެ. މިއަދުގެ މެޗުން ވާގޮތެއް ބަލަމާ. އެކަމަކު ލިވަޕޫލުން ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑު. ކުރިއަށް އޮތް މެޗަށް ވަރަށް ބޮޑަށް ފޯކަސް ކުރަން ޖެހޭ. ނިއުކާސަލްއާ ދެކޮޅަށް މި ނުކުންނަނީ. އެޓީމުގެ ކޯޗަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު،" ދެވަނާގައި އޮތުމާ މެދު ކްލޮޕުގެ ހިޔާލު އޭނާ ހިއްސާ ކުރި އެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 16 މެޗުން ވެސް ބަލިވެފައިނުވާ އިރު، އެ ޓީމުން އަންނަނީ ޗެމްޕިއަސް ލީގުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސަޑިއޯ މަނޭގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
"ރޭގެ މެޗުގައި ލިވަޕޫލުން އެޓޭކް ވެސް ޑިފެންސް ވެސް ކުރި. ކުޅުންތެރިންގެ މަސައްކަތު ރޭޓާއި ކައުންޓާ އެޓޭކުގެ ފުރިހަމަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު،" ފަހު ބަހެއްގެ ގޮތުން ކްލޮޕް ބުންޏެވެ.