ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ)ތަކުގައި މަސައްކަތްކުރާ ސޯޝަލް ސާވިސް ވާކަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ހަތަރު ވަނަ ބުރު މިއަދު ފަށައިފި އެވެ.

"ކެޕޭސިޓީ ބިލްޑިން ފޯ ސޯޝަލް ވާކާސް"ގެ ނަމުގައި ޖެންޑާ މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ޗަންޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށްގެންދާ އެ ޕްރޮގްރާމް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ސޯޝަލް ވާކަރުންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން މިއަދު އިފްތިތާހު ކުރި "ކެޕޭސިޓީ ބިލްޑިން ފޯ ސޯޝަލް ވާކާސް" ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ބުނީ އެ ޓްރޭނިން ޕްރޮގްރާމުގައި އެ މިނިސްޓްރީ އާއި އެފްސީއެސްސީތަކާއި މަރުކަޒުތަކުގެ ޖުމުލަ 20 މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި ބުނީ އެ ޕްރޮގްރާމްގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަމާ ބެހޭ އެކި ފަރާތްތަކުން ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޖަބީން ވިދާޅުވީ ސޯޝަލް ސާވިސްގެ ހިދުމަތަކީ އިންސާނީ އަހުލާގަށާއި އިޖުތިމާޢީ ނިޒާމުތަކަށް ބަދަލު ގެންނަ، އިންސާނީ ޙައްގުތައް ކަށަވަރުކޮށް، އިޖުތިމާއީ އިންސާފު ގާއިމުކޮށްދޭ، ހަގީގީ މާނައިގައި ވެސް މީހުން ބާރުވެރިކުރުވާ މަސައްކަތެއް ކަމަށެވެ.

ސޯޝަލް ވާކަރުންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން މިއަދު އިފްތިތާހު ކުރި "ކެޕޭސިޓީ ބިލްޑިން ފޯ ސޯޝަލް ވާކާސް" ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އިޖުތިމާއީ މަސައްކަތްތެރިންނާ ޙަވާލުވެފައިވާ ޒިންމާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތަކީ އެއްގޮތަކަށް، އެއް ފެންވަރެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާންޖެހޭނެ ކަމަށާއި ޚިދުމަތް ދިނުމުގައި ވަކި ފަރާތަކަށް ނުޖެހުމަށާއި އިންސާފުން ކަންކަން ބެހެއްޓުމަށް ވެސް ޑރ. ޖަބީން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"ކެޕޭސިޓީ ބިލްޑިން ފޯ ސޯޝަލް ވާކާސް" ޓްރޭނިން ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ވެސް 53 ސޯޝަލް ސާވިސް ވާކަރުން ވަނީ ތަމްރީނުކޮށްފަ އެވެ.