22 Aug 2011, 13:09
މާލެ އަތޮޅު ހުދުރަންފުށި ]ޅޮހިފުށި[ ރިސޯޓުން ދާދި ފަހުން ގެއްލުނު ޖަޕާންގެ ދެ ޓޫރިސްޓުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ހުށަހަޅުއްވައިފި އެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މިއަދު ހެނދުނުގެ ދަންފަޅިއަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ދާދިފަހުން ދެއްވި މީޑިއާ އިންޓަވިއުއެއްގައި ރިސޯޓްތަކުގެ ސަލާމަތީކަންކަން، ހާއްސަކޮށް މޫދުކޮޓަރިތައް ހުރީ، ޓޫރިސްޓުންނަށް އެންމެ ރައްކާތެރި ގޮތަށް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެން ކަމާ އެކު ސަލަމާތީ ގޮތުން ދަށްފެންވަރުގައި ހުރި ރިސޯޓްތައް ބަންދުކޮށް، އެކަން ކަން ރަނގަޅު ކުރުމަށް ފަހު ނޫނީ ހުޅުވުމުގެ ހުއްދަދީގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީން އެންގުމުން ވެސް ރިސޯޓްތަކުން އެކަންކަން ރަނގަޅު ނުކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވާހަކަ ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށާއި "ބާރު ހުރި" ފަރާތަކީ މިނިސްޓަރު ކަމަށާއި ސަލާމަތީގޮތުން ގަބޫލުނުކުރެވޭ ފެންވަރުގައި ހުރި ތަންތަން ބަންދު ކުރުމުގެ ހުރިހާ އިހްތިޔާރަކާއި ބާރެއް މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސިޔާސީ ގޮތުން ކަމަށާއި މީހުންގެ މަރާ ގުޅޭ ގޮތުން ފުލުހުން ތަހުގީ ކުރަމުންދާ މައްސަލަތައް، މަޖިލީހަށް ހުށަހަޅުއްވައިގެން ބަހުސު ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާޔަތު ކަމަށާއި ކުޅިވަރުކުޅިވަރަށް އެފަދަ މައްސަލަތައް ހުށަހެޅުމުން އޭގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ނަމަވެސް ޑީއާރުޕީ އަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ ގައުމުގައި ހިނގާ އެފަދަ ބޮޑެތި މައްސަލަތަކުގައި ބަހުސު ކުރުން އެންމެ ރަނގަޅު ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި ރިސޯޓްތަކުގައި ސަލާމަތީ ގޮތުން ރަނގަޅު ކުރަން ޖެހޭ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނެސް އެކަން ކަމަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ. އަދި އެ ބޭފުޅުން ވިދާޅުވީ ކުރެއްދޫ ރިސޯޓްގައި ދާދިފަހުން ދެ މީހަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވެސް އެމްޑީޕީ މެންބަރުން ކަމަށާއި އެއް މިންގަނޑަކުން ވާހަކަ ދެއްކެވުން ރަނގަޅުވާނެ ކަމަށެވެ.
ބައެއް މެންބަރުން ވިދާޅުވީ އެކްސިޑެންޓްތަކާއި އަދި ތޮބީއީ ގޮތުން ވެސް މީހުން މަރުވާނެ ކަމަށާއި ނަމަވެސް މަރުވި ގޮތް ދެނެގަތުން މުހިންމު ކަމަށެވެ. އަދި އޮޓްޕްސީ ނޫނީ ޕޯސްޓްމޯޓަމް ހަދައިގެން ނަމަވެސް މަރު ދެނެ ގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.