ޓްރިޕޮލީ (އޮގަސްޓް 22) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އައުމާގުޅިގެން ދުނިޔޭގެ ޤައުމުތަކަކުންނާއި ޖަމާއަތްތަކުން އެކަމަށް މަރްޙަބާ ކިޔަމުން އެބަގެންދެއެވެ. ހަނގުރާމަވެރިން ޓްރިޕޮލީ ހިފުމުން އެކަމަށް އެންމެ ފުރަތަ މަރްޙަބާކީ ޤައުމުތަކުގެ ތެރޭގައި ނޭޓޯގެ ޤައުމުތައް ހިމެނެއެވެ. ނޭޓޯއަކީ ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ލީބިޔާގެ ހަނގުރާމަވެރިންނަށް ވައިގެ މަގުން އެންމެ ބޮޑަށް އެހީތެރިވަމުން ގެންދިޔަ ޖަމާޢަތެވެ.

ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ވިދާޅުވީ ގައްޒާފީގެ ވެރިކަން ނިމުމަކަށް އައިސް ޑިމޮކްރެޓިކް ވެރިކަމަކަށް ލީބިޔާ އަލިވިލިއްޖެ ކަމުގައެވެ. އަދި ހަނގުރާމަވެރިންނާ ގައްޒާފީގެ ނަފްސު ޙަވާލުކުރުމަށްވެސް ސަރކޯޒީ ގައްޒާފީއަށް ގޮވާލެއްވިއެވެ.
އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ގެ އޮފީހުން ދާދިދެންމެއަކު ނެރުނު ބަޔާނެއްގައި ގައްޒާފީގެ ވެރިކަން ތާރީޚުގެ ތެރެއަށް ގޮސްފިކަމަށް ބުނެފައިވެއެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ގޮވާލެއްވީ ގައްޒާފީ ފިއްލަވައިގެން ހުންނެވި ތަނަކުން ނުކުމެ ވަޑައިގެން ހަނގުރާމަވެރިންނަށް އަމާން ދެއްވައި ހަތިޔާރު ބެހެއްޓުމަށް އޭނާގެ ބާރުތަކަށް އަމުރު ކުރެއްވުމަށެވެ. ލީބިޔާގައި ހަމަޖެހުން ޤާއިމް ކުރުމަށް ޓަކައި ލީބިޔާގެ އިންތިޤާލީ މަޖިލީހަށް ނޭޓޯއިން އެހީތެރިވާނެ ކަމަށްވެސް ރަސްމޯސަން ވިދާޅުވިއެވެ.

ވައިޓް ހައުސް އިންބުނީ ޓްރިޕޮލީގެ ޙާލަތު ރައީސް އޮބަމާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި ހަނގުރާމަވެރިންގެ އަތްދަށަށް ލީބިޔާގެ ޓްރިޕޮލީ އައުމަކީ ގައްޒާފީގެ ވެރިކަން ނިމުމަކަށް އައުން ކަމުގައެވެ. ލިބިޔާއާބެހޭ ގޮތުން އޮބާމާ ވަރަށް އަވަހަށް ބަޔާނެއް ދެއްވާނެ ކަމަށްވެސް ވައިޓް ހައުސް އިން ބުނެއެވެ.

ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ލިބިޔާގެ ހަނގުރާމަވެރިންނަށް ތާއީދުކޮށް ރަސްމީކޮށް ބަޔާންތަކެއް އަދި ނެރެފައެއްނުވެއެވެ. ނަމަވެސް ޢަރަބި ވެރިން ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް އަލްއިސްތާޛް މުސްތަފާ ޢަބްދުލްޖަލީލާ ގުޅުއްވަމުން ގެންދަވާ ކަމަށް އިންތިޤާލީ މަޖިލީހުން ބުނެފައިވެއެވެ.

ޢަރަބި ރައްޔިތުންގެ އިންޤިލާބުތަކާއި އުތުރިއެރުންތަކަށް ކާމިޔާބުލިބި ޢަރަބި ރަސްރަސްކަލުންނާއި ރައީސުން ވެއްޓި އެމީހުންގެ ވެރިކަމުގެ ނިޒާމްތައް ރޫޅިގެން ދިޔުމަކީ އުސޫލެއްގެ ގޮތުން ޢަރަބި ސަރުކާރުތަކުން ކަންބޮޑުވާ ކަމެއް ކަމަށްވާތީ ގައްޒާފީ ވެއްޓުމުން ޢަރަބި ސަރުކާރުތައް ފާޅުގައި އެކަމަށް ތާއީދު ކުރަން ބޭނުންނުވަނީ ކަމަށް މަސްރަޙްދިރާސާ ކުރާ ބައެއް މުޙައްލިލުން އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ފަލަސްތީނުގެ ޙަމާސް ޖަމާޢަތުންނާއި ތޫނިސްއާއި މިސްރާއި ބަޙްރައިންގައި އިސްލާޙަށް މަސައްކަތްކުރާ ޑިމޮކްރެޓިކް ޖަމާޢަތްތަކުން ލީބިޔާގެ ހަނގުރާމަވެރިންނަށް މަރްޙަބާކިޔައި ބަޔާންތައް ނެރެފައިވެއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް