25 Feb 2018, 10:37
މަގުބޫލު ފާސްޓް ފުޑް ޗެއިން ކޭއެފްސީން އިނގިރޭސި ވިލާތުގައި ދެމުން އައި ހިދުމަތް ވަނީ ކުކުޅު ލިބުން ދަތިވުމުގެ ެ.
އެ ކުންފުނިން އިނގިރޭސިވިލާތުގައި 900 އެއްހައި ރެސްޓޯރެންޓް ހިންގަމުން އަންނަ އިރު މިހާރު ހިދުމަތް ދެވެނީ 100 ވަރަކަށް ރެސްޓޯރެންޓުގައި ކަމަށް ހަބަރުތައް ބުނެއެވެ.
ކޭއެފްސީގެ ހިދުމަތަށް މިހާބޮޑު ހީނަރުކަމެއް އައީ އިނގިރޭސިވިލާތުގައި އެކުންފުންޏަށް ކުކުޅު ޑެލިވަރީކޮށްދިން ޑީއެޗްއެލްގެ އިހުމާލުން ކަމަށް ކޭއެފްސީ އިން ބުނެފައިވެއެވެ.
ކުކުޅު ނުލިބުމުގެ ސަބަބުން ބަންދުކޮށްފައިވާ ރެސްޓޯރެންޓުތަކުގެ ބޭރުގައި ކޭއެފްސީން ވަނީ މައާފަށް އެދި ނޯޓިހެއް ތަތްކޮށްފައެވެ. ކޭއެފްސީގެ ހުސް ބަކެޓަކާއެކު އެ ނޯޓިސްގައި ބުނެފައިވަނީ ކުކުޅުގެ ބާވަތްތައް ވިއްކާ ރެސްޓޯރެންޓަކުން ކުކުޅު ހުސްވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ދިގު ދަތުރެއްކޮށްފައި ރެސްޓޯރެންޓުން ކާލަން އައި މީހުންގެ ކިބައިން މައާފަށް އެދޭކަމަށްވެސް އެ ނޯޓިސްގައި ވެއެވެ.

މައާފަށް އެދި ކޭއެފްސީ އިން ނެރުނު ނޯޓިސް
ކުކުޅު ނުލިބޭތީ ކޭއެފްސީތައް ބަންދުކުރަން ފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. މިދިޔަ އެއް ހަފްތާއަކީ ދަތި ދުވަސްތަކެއް ކަމަށާއި ނަމަވެސް މައްސަލަތަކަށް ހައްލު ގެނެސް ތާޒާ ކުކުޅު ލިބޭނެ ގޮތް ފަހިވެފައިވާ ކަމަށް ނޯޓިސްގައި ވެއެވެ.
ކޭއެފްސީއަށް ޑެލިވަރީގެ ހިދުމަތްދޭ ޑީއެޗްއެލުން ބުނީ ޑެލިވަރީގެ މައްސަލަތައް ދިމާވީ އެމީހުންގެ އޮޕަރޭޝަނަލް މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެކަން ދިމާވީ ހަމައެކަނި ކޭއެފްސީއަށް އެކަނި ނޫން ކަމަށާއި ޑީއެޗްއެލް އިން ޑެލިވަރީކޮށްދެން ޖެހޭ ގިނަ އެއްޗެހި އެ މައްސަލައާއެކު ގަޑިއަށް ޑެލިވަރީ ކޮށް ނުދެވޭ ކަމަށް ބުނެފައިވެއެވެ.
މިއަދުވެސް ކޭއެފްސީގެ ގިނަ އައުޓްލެޓުތައް އިނގިރޭސިވިލާތުގައި ބަންދުވާނެ ކަމަށާއި ހުޅުވާފައި ހުރި ސަތޭކައެއްހައި އައުޓްލެޓުންވެސް ލިބޭނީ ލިމިޓެޑް މެނޫއެއް ކަމަށް ކޭއެފްސީ އިން ބުނެއެވެ.
އިނގިރޭސިވިލާތަކީ ޔޫރަޕުގައި ކޭއެފްސީގެ އެންމެ ބޮޑު މާކެޓެވެ. ކޭއެފްސީގެ ފްރެންޗައިޒީ އޮޕަރޭޓަރުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދޭނެކަން ހާމަ ނުކުރި ނަމަވެސް މުވައްޒަފުންގެ މުސާރަ ކޭއެފްސީ އިން ހަމައަށް ދޭނެ ކަމަށް ވަނީ ބުނެފައެވެ.