25 Feb 2018, 08:50
ސެމްސަންގުން މިއަހަރު ނެރޭއެސް9ފޯނުގެ ގިނަ ވާހަކަތައް މިހާރު ވަނީ އާންމުވެފައެވެ. މިއަދު ފަށާ މޯބައިލް ވޯލްޑް ކޮންގްރެސްގައި ނެރޭ މި ފޯނުގެ ލޯންޗް ވީޑިއޯ ވެސް މިހާރު ވަނީ ލީކު ކޮށްލައިފައެވެ.
ފޯނުގެ ޓެގްލައިންއަކީ "ދަ ފޯން ރި އިމޭޖިންޑް" އެވެ. މިއީ ޑުއަލް އެޕާޗާ ކެމެރާ އަކާއެކު ނެރޭ ފުރަތަމަ ސްމާޓްފޯނެވެ. ފޯނުގެ ގިނަ ފީޗާސްތަކަކީ ހުސްވި އަހަރު ނެރުނު އެސް8 އާ ދާދި އެއްގޮތް ފީޗާސްތަކެކެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ސެމްސަންގްގެ ކެމެރާ އެޕްގައި ބިލްޓް އިން އޮޓަމެޓިކް ޓްރާންސްލޭޓާ އެއް ހިމެނޭނެއެވެ. މީތި މަސައްކަތް ކުރާނީ ގޫގުލްގެ ޓްރާސްލޭޓް އޮޕްޝަންއާ ދާދި އެއްކަހަލަ ގޮތަކަށެވެ.
އެސް9 އަކީ އެސް8 އެކޭ އެއްގޮތަށް ޑަސްޓް ޕްރޫފް، ވޯޓާ ރެސިސްޓެންޓް ފޯނެކެވެ.
ކުރިން އާންމުވެފައިވާ ރިޕޯޓުތަކަށް ބަލާއިރު ފޯނުގައި ރިއަލިސްޓިކް ފޭސް ޓްރެކިން ފިލްޓާސް ސަޕޯޓުކުރާނެ ޗިޕެއް ހިމެނޭނެ ކަމަށް ސެމްސަންގުން ބުނެއެވެ. އަދި ތްރީޑީ އިމޯޖީގެ އިތުރުން ސެމްސަންގް އެސް9 ސީރީޒްގައި ސްޓީރިއޯ ސްޕީކަރު ހިމެނޭނެ ކަމަށާއި ފޯނުގެ ތިރި އަދި މަތީގައިވެސް ސްޕީކަރު ހުންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. ބެލެވޭގޮތުގައި ފޯނުގައި ބޭނުންކުރާނީ ސެމްސަންގް އިން ހިންގާ އޭކޭޖީގެ ސްޕީކަރެވެ.
އެސް9 ގެ ދެ ސީރީޒްއެއް ނެރޭނެއެވެ. އެއީ އެސް9 އަދި 9 ޕްލަސް އެވެ.