ޓްރިޕޮލީ (އޮގަސްޓް 22) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އައުމަށްފަހު ގައްޒާފީ އަށް ވީނުވީއެއް އަދިވެސް ސާފުނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހަނގުރާމަވެރިންގެ ކޮމާންޑަރުން ވިދާޅުވަނީ ގައްޒާފީ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާ އޭނާ ހުންނެވި ކަމަށް ބެލެވެނީ އޭނާގެ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ބޮޑު ސީޓީއެއް ކަމަށްވާ ސިރްތުގައި ކަމުގައެވެ. ސިރްތަކީ ޓްރިޕޮލީގެ އިރުމަތިން 400 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ.

ލީބިޔާގެ ސެންޓްރަލް ބޭންކްގެ ކުރީގެ ގަވަރނަރ ދުބާއިގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ ހަނގުރާމަވެރިން ޓްރިޕޮލީއަށް ވަނުމުގެ ކުރިން ގައްޒާފީ ޓްރިޕޮލީން ފިއްލަވާފައިވާ ކަމުގައެވެ. ލީބިޔާގެ މަޝްހޫރު ނުސްވެރިއެއްކަމަށްވާ ފަތްޙީ ބިންޢީސީ އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ދާދިދެންމެއަކު ވިދާޅުވީ ގައްޒާފީ ފިއްލަވައިގެން ހުންނެވީ ޓްރިޕޮލީގެ އަވަށެއް ކަމަށްވާ ތާޖޫރާ ގެ ޢިމާރާތެއްގައި ކަމުގައެވެ. ގައްޒާފީގެ ބާރުތަކުގެ ބައެއް އޮފްސަރުން އޭނާގެ އަމުރަށް ނުކިޔަމަންތެރިވެ ގައްޒާފީ ހައްޔަރުކުރަން މަސައްކަތް ކުރުމުން ގައްޒާފީއަށް ވަފާތެރި ސިފައިންނާއި ނުކިޔަމަންތެރި އޮފްސަރުންނާ ދެމެދު ތާޖޫރާ ހޮސްޕިޓަލްގެ ކައިރީގައި ހަމަލާތައް ބަދަލު ކުރެވެމުންދާ ކަމަށް ފަތްޙީ ވިދާޅުވިއެވެ.

ގައްޒާފީގެ ސަރުކާރުގެ ބޮޑުވަޒީރު އަލްބަޣްދާދީ އަލްމަޙްމޫދީ ވެސް މިހާރުވަނީ އަވަށްޓެރި ތޫނިސްއަށް ފިއްލަވާފައެވެ. ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމްވަނީ ހަނގުރާމަވެރިންގެ އަތްދަށުގައެވެ. ގައްޒާފީގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނާއި ކާފަދަރިން މީގެ ދެދުވަސް ކުރިން ތޫނިސްއަށް ވަޑައިގެންފައިވާ ކަމުގެ ޚަބަރުތަކެއްވަނީ ފެތުރިފައެވެ. --އަލްޖަޒީރާ