މާލޭ ލީގުގައި ކްލަބު އީގަލްސްއާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ވާދަކުރާ މެޗުން މާލޭ ލީގު މިއަދު ފަށާނެއެވެ.

ފުރަތަމަ މެޗުގައި ވިކްޓްރީއާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއަހަރުގެ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުގެ ގަދަ ހައެއްގެ ޖާގައެއް ހޯދުން ކަމަށެވެ.

"މިދިޔަ ސީޒަންގައި އީގަލްސްއަށް ދިމާވީ ވަރަށް ހިތްދަތި ގޮތެއް. މި ސީޒަންގައި ފުރަތަމަވެސް ވިސްނާނީ އެކަން ތަކުރާރުވިޔަނުދީ މާލޭ ލީގުގެ ގަދަ ހަޔަކަށް އަރަން. ވީހާވެސް އަވަހަކަށް ގަދަ ހައެއްގެ ޖާގައެއް ކަށަވަރުކުރަން ވިސްނާނީ،" މި ސީޒަނަށް އީގަލްސްއާ ހަވާލުވި މޯހަން ބުންޏެވެ.

އީގަލްސްއަށް ފާއިތުވި ދެ ސީޒަންގައިވެސް ކުޅުނު ޑިފެންޑަރު މަގުދީ މި ސީޒަންގައި އެޓީމުން ނުފެންނާނެ --ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މި ހިނގާ ޓްރާންސްފާ ސީޒަންގައި އީގަލްސްގެ ކެޕްޓަންކަން މިދިޔަ ތިން ސީޒަންގައިވެސް ކުރި އިމްރާން ނަޝީދު (އިންމަ) ޓީމު ދޫކޮށް ދިޔަ ނަމަވެސް އެތަން ފޫބައްދަން އީގަލްސްއިންވަނީ ތަޖުރިބާކަރު މިޑްފީލްޑަރު އަހުމަދު އާރިފް (ބަކާ) ޓީމަށް ގެނެސްފައެވެ.

"ކެޕްޓަން އިންމަ ނެތްތައް ފޫ ބެއްދުމަށް އީގަލްސްއަށް ލިބިގެން މިދިޔައީ އިންމައަށްވުރެވެސް ރަނގަޅު ކުޅުންތެރިއެއް ކަންނޭނގެ. ބަކާގެ ތަޖުރިބާއަށް ބަލާއިރު ބަކާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަދި މި ސީޒަންގައި ބަކާގެ ފަރާތުން ވަރަށް ބޮޑެތު ކުރިއެރުންތަކެއްވެސް ފެނިއްޖެ. ވަރަށް ބޮޑަށް ފިޒިކަލީވެސް ފިޓްކޮށް ބަކާ މިވަގުތު ފެންނަނީ. އެހެންވީމަ އިންމެ ނެތްތައް ފެނިގެން ނުދާނެއޭ ދެންނެވޭނީ،" އިންމަ ނެތްތައް ފޫބެއްދުމާ ގުޅިގެން މޯހަން ބުންޏެވެ.

އީގަލްއަށް ގެނައި ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑްވާޑޯ ޕުރްސީނޯ --- ފޮޓޯ/ މީސް މީޑިއާ

މޯހަން އިތުރަށްބުނީ އީގަލްސްގެ އޮތީ ވަރަށް ބެލެންސް ސްކޮޑެއް ކަމަށާއި، މާލޭ ލީގުގައި ވާދަކުރާ އެންމެ ރަނގަޅު ޓީމުތަކުގެ ފަންތީގައި އީގަލްސްވެސް ހިމެނޭނެ ކަމަށެވެ.

"އީގަލްސްގެ ސްކޮޑަކީ ވަރަށް ބެލެންސް ސްކޮޑެއް. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންވެސް އެބަތިބި. ވަރަށް ހަލުވި ވަރަށް 'ކުއިކް' ކުޅުންތެރިންތަކެއް އެކުލެވޭ ސްކޮޑެއް އީގަލްސްގައި މިއޮތީ،" މޯހަން ބުންޏެވެ.

އީގަލްސްއަށް މިދިޔަ ސީޒަންގެ މާލޭ ލީގުގައި ދިމާވި ގޯލް ޖެހުމުގެ މައްސަލައަށް ވަރަށް ބޮޑަށް ބަލައި، ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށްވެސް މޯހަން ބުންޏެވެ. ހާއްސަކޮށް ޓީމާ އަލަށް ގުޅުނު ބިދޭސީ ފޯވަޑް، ބްރެޒިލްގެ ލުއިޒް އެޑްވާޑޯ ޕުރްސީނޯގެ ކުޅުން މޯހަންވަނީ ފާހަގަކޮށްފައެވެ.

މާލޭ ލީގުގައި އީގަލްސްއާއި ވިކްޓްރީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް

25 ފެބްރުއަރީ 2018

  • 1600 ކްލަބު އީގަލްސް - ވިކްޓްރީ ސްޕޯޓްސް ކްލަބު

  • 2100 މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން - ކްލަބު ގްރީން ސްޓްރީޓްސް

26 ފެބްރުއަރީ 2018

  • 1600 ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު - ޓީސީ ސްޕޯޓްސް ކްލަބު

  • 2100 ކްލަބު ވެލެންސިއާ - ޔުނައިޓެޑް ވިކްޓްރީ