25 Feb 2018, 09:02
މާލޭ ލީގަށް ނުކުންނާނީ ލީގު ތަށި ދިފާއުކުރަން ކަމަށާއި، އެ ޓާގެޓަށް ވާސިލްވުމަށް ޓީމާ ދޭތެރޭ އުންމީދު ބޮޑު ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ) ބުނެފިއެވެ.
މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ ކުޅުން މިއަދު ހަވީރު ފަށާއިރު، މާޒިޔާއިން ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
"މާލޭ ލީގަށް ނުކުންނާނީ ލީގު ދިފާއުކުރަން. ޓާގަޓަށް ވާސިލުވުމަށް އުންމީދު ބޮޑު. ކުޅުންތެރިންނާ ކުޅުންތެރިންގެ ފޯމަށް ބަލައި ވަރަށް ރަނގަޅޭ ބުނެވޭނީ،" މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން އިންމަ ބުންޏެވެ.
އިންމަ ބުނީ މިދިޔަ ސީޒަން މާޒިޔާއިން ވަރުގަދަކޮށް ފެށި ނަމަވެސް ޕްރިމިއާ ލީގުގައި ފޯމު ދަށްވި ކަމަށެވެ. އެހެން ނަމަވެސް މި ސީޒަންގައި އެކަން ތަކުރާރުވިޔަ ނުދޭނެ ކަމަށްވެސް އިންމަ ފާހަގަކުރިއެވެ.
"ގަބޫލެއް ނުކުރަން މިދިޔަ ސީޒަންގައި އެކަހަލަ ގޮތަކަށް ވީމާ މިއަހަރު އެހެން ވެދާނެ ކަމަކަށް. އެކަމަށް ވިސްނާނަން އެކަމަކު. އިރާދަކުރެއްވިއްޔާ މިއަހަރު އެކަމެއް ނުވާނެ ތަކުރާރެއް،" އިންމަ ބުންޏެވެ.
އިންމަވަނީ ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވެހުރި ޑެރެން ސްޓެވާޓްގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މި ސީޒަނަށް ތައްޔާރުވުމަށްޓަކައި ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނައި މާޒިޔާގެ ފޯވަޑު ލައިނުން މިރޭގެ މެޗުގައި ފެންނާނެ ކަމަށް ބެެލެވެނީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ކޯނެލިއަސް ސްޓެވާޓާއި ނާއިޒް ހަސަން (ދާދު) އެވެ. މި ދެ ކުޅުންތެރިންނަކީވެސް މި ސީޒަނަށް އެ ކްލަބާ ގުޅުނު ކުޅުންތެރިންނެވެ. މިދިޔަ ސީޒަންތަކުގައި މާޒިޔާގެ ފޯވަޑް ލައިނުން މުހިއްމު ރޯލެއް އަދާކުރި ޓީމުގެ ކެޕްޓަން އަސަދުﷲ އަދި އެއްކޮށް ފިޓް ނޫން ކަމަށްވެސް އިއްޔެގެ ޕްރެސްގައި އިންމަ ފާހަގަކުރިއެވެ.
"އަސަދުﷲ އަންނަނީ އޭނާގެ ފިޓްނަސް ރަނގަޅު ކުރުމަށް ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން. ވަރަށް އަވަހަށް ފެންނާނެ. މިދިޔަ ސީޒަންގައި ޓީސީއަށް އެއްކޮށް ކުޅުނު ދާދުއާއި ކޯނީ ގުޅުމުން މާޒިޔާގެ ސްކޮޑު އިތުރަށް ވަރުގަދަވެގެން މިދިޔައީ. ވަރަށް ރަނގަޅު ހިތްވަރެއް ލާފަ ޓީމު ކުޅުންތެރިންގެ ގޮތުގައި މިހާރު އެ ކުޅެނީ. ކުރިއަށް އޮތް ސީޒަންގައި އެ ދެކުޅުންތެރިންގެ ފަރާތުންވެސް ތަފާތު ފެންނާނެ މި ސީޒަންގައި،" އިންމަ ބުންޏެވެ.
އިންމަ ބުނީ ޓީމުގެ ފަރާތުން ހިތްހަމަ ޖެހޭވަރަށް ކުޅުން ފެންނަ ކަމަށާއި، ޕްރެޝަރުގައިވެސް ނަތީޖާ ނެރުން މުހިއްމު ކަމަށެވެ.
"ޓީމު އައީ ތައްޔާރުވަމުން. ހިތްހަމަ ޖެހޭ ވަރަށް ޓީމު ޕާފޯމްވެސް ކުރޭ މިހާރު. އެހެން ނަމަވެސް ޕްރެކްޓިސްގައި ކުޅޭ މެޗުތަކާއި ލީގު މެޗުތަކާއި ތަފާތުވާނެ. ކުޅުންތެރިންގެ ވިސްނުންވެސް ބަދަލުވާނެ. ފުޓުބޯޅައިގައި ކޮންމެ ކޯޗަކަށްވެސް އަދި ކުޅުންތެރިޔަކަށްވެސް އަންނާނޭ ޕްރެޝަރު. އ ޕްރެޝަރުގައި އެންމެ މޮޅަށް ކުޅޭ ކުޅުންތެރިޔާ އެންމެ މޮޅުވާނީ،" އިންމަ ބުންޏެވެ.
2016 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމު ހޯދި ދާދުވެސް މި ސީޒަންގައި ފެންނާނީ މާޒިޔާއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
އިންމަ ބުނީ މާޒިޔާއިން ލީގު ދިފާއުކުރަން ނުކުތްނަމަވެސް، އެކަން ފަސޭހަ ނުވާނެ ކަމަށާއި، ލީގަކީ ވަރަށް ވާދަވެރިވާނެ ލީގެއް ކަމަށެވެ.
"މާޒިޔާ އެކަންޏެއް ނޫން. ލީގުގައި ވާދަކުރާ ނިއުރޭޑިއަންޓާއި، ސީޒަނަށް ވަރުގަދައަށް ތައްޔާރުވި ޓީމުތައްވެސް އިންނާނީ ހަމަ ތަށްޓަށް އަމާޒު،" އިންމަ ބުންޏެވެ.
އިންމައަކީ މީގެ ކުރިން 2006 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރަށްވެސް މާޒިޔާގެ ކޯޗެވެ. އިންމަ އެނބުރި މާޒިޔާއަށް އައީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ މެދުތެރެއިންނެވެ.
މާޒިޔާއި ގްރީން ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް
25 ފެބްރުއަރީ 2018
1600 ކްލަބު އީގަލްސް - ވިކްޓްރީ ސްޕޯޓްސް ކްލަބު
- 2100 މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން - ކްލަބު ގްރީން ސްޓްރީޓްސް
26 ފެބްރުއަރީ 2018
1600 ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު - ޓީސީ ސްޕޯޓްސް ކްލަބު
- 2100 ކްލަބު ވެލެންސިއާ - ޔުނައިޓެޑް ވިކްޓްރީ