ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، "ބްރަހްމަޝްތުރާ" ގެ ޝޫޓިން ބަލްގޭރިއާގައި ފަށައިފި އެވެ.

ހޮނިހިރު ދުވަހު ފިލްމުގެ ޝޫޓިން ފަށައިފައި ވާކަން، ފިލްމު ޕްރޮޑިއުސްކުރާ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ވަނީ ޔަގީންކޮށްދީފައެވެ.

އަޔާން މުކަރްޖީ ޑައިރެކްޓު ކުރާ "ބްރަހްމަޝްތުރާ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފިލްމު ސީރީޒެކެވެ.

މިއީ އަޔާން މުކަރްޖީގެ ފުރަތަމަ ފެންޓަސީ ފިލްމެވެ. ފިލްމުގައި ރަންބީރު ފެނިގެން ދާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުންނެވެ.

ރަންބީރާއި އާލިއާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުނެ އަމީތާބް ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެން ދާނެ އެވެ.

ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.