24 Feb 2018, 21:28
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން ފުލުހަކު ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެސްއޯ ފުލުހެއް ކަމަށްވާ އަހުމަދު އާސިމް ހުސައިން އެވެ. އޭނާ އަކީ އެސްއޯ ގެ ތެރޭގައި އޮންނަ ސްޕެޝަލްް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ހައްޔަރުކުރި ރޭ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މީހެއްކަން "ސަން" އަށް ވަނީ އެނގިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައެވެ. ހައްޔަރު ކުރުމަށް ފަހު އޭނާގެ ފޯނާއި ލެޕްޓޮޕް ވެސް ވަނީ ފުލުހުން އަތުލާފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރު ކުރި އާސިމަކީ ކުޅުދުއްފުށީ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅޭ އެހެން ރަށެއްގެ މީހެކެވެ.
އެނގިފައިވާ ގޮތުގައި އާސިމް ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މީގެ އިތުރުން އެސްއޯ ގައި މީގެ ކުރިން މަސައްކަތް ކުރި ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް (ޑީޑީ) ގެ ފޯނު އިއްޔެ ހެނދުނުގެ ވަގުތެއްގައި ފުލުހުން ވަނީ ހިފަހައްޓާފައެވެ.