ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މައުލޫމާތު ސާފުކޮށް ޝޯޓް ލިސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( ބުނީ ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވާ 47 ބޭފުޅެއް މައުލޫމާތު ޗެކު ކުރުމުގެ މަސައްކަތް ސުޕީރިއާ ކޯޓުތަކަށާއި މެޖިސްޓްރޭޓް ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރަން ޖޭއެސްސީން އެކުލަވައިލި ޕެނަލުން ފަށާފައިވާ ކަމަށެވެ.

ފަނޑިޔާރު ކަމަށް އެދިވަޑައިގެންނެވި ބޭފުޅުން ފޯމާއެކު ހިމެނުއްވި މައުލޫމާތުތަކާއި ލިޔެ ކިޔުންތަކާއި ތަޖުރިބާތައް ބަލައި ސާފުކޮށް ދިރާސާ ކުރަން، އެކަމަށް ކަނޑައެޅި ޕެނަލުން ފެށި އިރު މާކްސް ދިނުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާތަކަށް ބެލުމަށް ފަހު މާކް ދިނުމާއެކު ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ފަނޑިޔާރުން ނަގަން ހަމަޖައްސާފައި ވަނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށެވެ. ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ނަގާނީ ދެ ފަނޑިޔާރުންނެވެ. ފެމިލީ ކޯޓަށް ތިން ފަނޑިޔާރުންނެވެ.