25 May 2010, 15:03
19:00
އަހަރީ ރިޕޯޓާއި ހިސާބުތައް ހުށަނާޅާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 180 އަށް ވުރެ ގިނަ ޖަމިއްޔާ އުވާލުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނިންމައިފި އެވެ.
އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެސޯސިއޭޝަނާއި، މޯލްޑިވްސް އެންޖީއޯ ފެޑަރޭޝަން ހިމެނެ އެވެ. މީގެ އިތުރުން ވެސް ކުޅިވަރުގެ ތެރޭ ނަން މަޝްހޫރު ޖަމިއްޔާތައް ކަމަށްވާ އެތުލެޓިކްސް އެސޯސިއޭޝަނާއި ހުޅުމާލެ ސްޕޯޓްސް ކްލަބާއި، ކްލަބް އެޗްޑީސީ އާއި، ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސްގެ އިތުރުން ކްލަބް އީގަލް އާއި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ ހިމެނޭ. އަދި އިޖްތިމާއި ދާއިރާގައި ހަރަކަތްތެރިވާ މަދަނީ ޖަމިއްޔާތަކުގެ ތެރޭ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އާއި ޕާޓާ މޯލްޑިވްސް ޗެޕްޓަރ ހިމެނެ އެވެ.
ހޯމް މިނިސްޓްރީން ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ވިދިވިދިގެން، ދެ އަހަރު ދުވަސް ވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ލިބިފައިނުވާ އަދި ދައުރު ހަމަވުމުގެ ކުރިން ހިންގާ ކޮމެޓީ އިންތިހާބުކުރުމަށްފަހު އެ މިނިސްޓްރީ އަށް ހުށަނާޅާ ދެ އަހަރު ދުވަސް ވެފައިވާ 185 ޖަމިއްޔާ އުވާލުމަށް ނިންމި ކަމަށެވެ.
އަދި އެކަމާ ގުޅިގެން ޖަމިއްޔާތަކާމެދު ދަޢުވާ ކުރެވޭނެ ފަރާތެއް ވާނަމަ އެކަން 15 ދުވަހުގެ ތެރޭ އެމިނިސްޓްރީ އަށް އެންގުމަށް ވެސް ވަނީ ބުނެފަ އެވެ.