ސަރުކާރާ ދެކޮޅަށް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ކުރި މުޒާހަރާއިގެ ތެރެއިން ހައްޔަރުކުރި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއި އިތުރު ތިން މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތީގައި ފެށި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުން މިއަދު ހައްޔަރުކުރީ، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ އަޑު އުފުލަން ފެށުމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މިރޭ ވިދާޅުވީ، އެމީހުން ދޫކޮށްލީ ބަޔާނެއްގައި ސޮއިކުރުމަށްފަހު މިރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެމީހުންނަށް އެއްވެސް އަނިޔާއެއް ފުލުހުން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ، މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ސިޓީގައި މެދުނުކެނޑި އެއްވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް އައްޑޫ ސިތީގެ ރައްޔިތުން ވަނީ އިއްޔެ ވެސް މަގުތަކަށް ނުކުމެ އަޑު އުފުލާފައެވެ.