24 Feb 2018, 18:21
އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހަކަށް ފުލުސް ވެހިކަލްގެ ތެރޭގައި އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފިއެވެ.
އެމީހާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. ކުރީގެ ރައީސް މައުމޫންގެ ސަޕޯޓަރެއް ކަމުގައިވާ ހުސައިން ޝިފާއުއަށް އަނިޔާ ކުރި ކަމަށް ބުނެ މީސް މީޑިއާގައި އަންނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އޭނާ ވެހިކަލަށް އެރުވި ފަހުން، ކުލަ ހެދުމުގައި ތިބި ދެ ފިިރިހެނަކު އޭގެ ތެރެއަށް އަރައި އޭނާގެ ގައިގައި އަތްލައި ކޮއްޕާ ހެދި މަންޒަރު ވީޑިއޯއިން ފެނެއެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް އިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
މައުމޫން ވާހަކަދެއްކި މީހަކު ބުނީ ވެހިކަލަށް އެރުވުމަށްފަހު ދެ ފިރިހެނުން ގޮސް ޝިފާއުއަށް އަނިޔާކުރި ކަމަށާއި އަނިޔާކުރި ސަބަބެއް ނެތް ނޭނގޭ ކަމަށެވެ.
ޝިފާއު ރޭ ހައްޔަރު ކުރުމަށްފަހު މާ ގިނަ އިރު ނުވަނީސް ވަނީ ދޫކޮށްލާފަ އެވެ.