22 Aug 2011, 11:54
އެމެރިކާގެ ހަވާއީގެ އޭޝިއާ ޕެސިފިކް ސެންޓާ ފޮ ސެކިއުރިޓީ ސްޓަޑީޒް އިން ބޭއްވި 'ކޮމްޕްރިހެންސިވް ކްރައިސިސް މެނޭޖްމަންޓް' ކޯހުގައި ދިވެހި ދެ ފުލުހަކު ބައިވެރިވެ، ކްރައިސަސް މެނޭޖު ކުރާނެ ގޮތް ދަސްކޮށްފި އެވެ.
ފުލުހުން ބުނީ ހަތަރު ހަފުތާގެ އެ ކޯހުގައި ބައިވެރިވެ، ކްރައިސަސް މެނޭޖު ކުރާނެ ގޮތް ދަސްކުރީ، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ސަޢުދީ އާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝްއެވެ.
ދިވެހި ރާއްޖޭގެ އިތުރުން އެމެރިކާ އާއި އޭޝިއާ ޕެސިފިކްގައި ހިމެނޭ އެހެނިހެން 25 ޤައުމަކުން ސަލާމަތީ ކަންކަމާ ބެހޭ ދާއިރާތަކުގެ ޖުމްލަ 59 އޮފިޝަލުން ބައިވެރިވި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖުލައި 5ން އޯގަސްޓް 5 އަށް ހޮނުލޫލޫގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ކޯހުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދެއްވީ 'ކްރައިސިސް'ގެ ފެށުން ދެނެގަންނާނެ ގޮތްތަކާއި އެފަދަ ކަންކަން ހުއްޓުވުމަށް ދުރާލާ ތައްޔާރުވުމާއި އަދި އެފަދަ ކަންކަން ހައްލުކުރުމުގައި ބޭނުންކުރެވޭނެ އުކުޅުތައް ކަމަށް ފުލުހުން ބުންޏެވެ.
އޭޝިއާ ޕެސިފިކް ސެންޓާ ފޮ ސެކިއުރިޓީ ސްޓަޑީޒް އަކީ ރީޖަނަލް ލެވެލްގައި ސަލާމަތީ ކަންކަމާ ބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާތައް ކުރުމާއި ކޮންފަރެންސްތައް ބޭއްވުމާއި އަދި ރީޖަންގެ ޤައުމުތައް ގުޅުވައިދީ ސަލާމަތީ ކަންކަމާ ބެހޭ މަޢުލޫމާތު ބަދަލުކުރުމަށް އެހީވެދޭ ޔޫއެސްގެ ދިފާއީ ސެންޓަރެކެވެ.
ރާއްޖެއަށް މިފުރުޞަތު ހޯއްދަވާދެއްވާފައި ވަނީ ކޮލަމްބޯގައި ހުންނަ ޔޫއެސް އެމްބަސީން ކަމަށް ފުލުހުން ބުންޏެވެ.