މުގައްދިޝޫ (ފެބްރުއަރީ 24): ސޯމާލިއާގެ ވެރިރަށް މުގައްދިޝޫގައި ބާރުގަދަ ދެ ބޮމުގެ ހަމަލާއެއްދީ 18 މީހަކު މަރާލައިފި އެވެ.

ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބް އިން އެހަމަލާތައް ދީފައި ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރު ކައިރީގައި އާއި ނެޝަނަލް އިންޓެލިޖެންސް އޭޖެންސީގެ އޮފީސްތައް ކައިރީގައި އެވެ.

ސޯމާލިއާގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި ރިޔާސީ ގަނޑުވަރު ކައިރީގައި ބޮމުގެ ހަމަލާ ދިނީ ފުލުހުންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރުމަށް ފަހުގަ އެވެ. އަދި އެ ހަމަލާތަކުގައި އަލް ޝަބާބްގެ ފަސް ހަނގުރާމަވެރިން މަރުވި ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ސޯމާލިއާގެ ބައެއް މީޑިއާތަކުގައިވާ ގޮތުން އެހަމަލާ ދީފައި ވަނީ މުގައްދިޝޫގައި ބޮމުގެ ހަމަލާއެއް ދޭން އުޅޭ ކަމަށް އެގައުމުގެ ސެކިއުރިޓީ މިނިސްޓަރު ވިދާޅުވި ފަހުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަލް ޝަބާބް އިން މުގައްދިޝޫއަށް ދިން ހަމަލާއެއްގައި 512 މީހުން މަރުވެފައިވެ އެވެ. އެއީ ސޯމާލިއާގެ ފަހުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)