ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރުންނާއި ނަރުހުން، އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުން ދޫކޮށްލުމަށް ފަހު ހޮސްޕިޓަލުގެ ކުރިމަތީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ. އެމީހުން ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުން ދަނީ މެނޭޖްމަންޓުން ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން، ނުކޮށްދޭ ކަމަށް ބުނެ އެވެ.

މިއަދު ހެނދުނުން ފެށިގެން ހޮސްޕިޓަލް ކުރިމަތީގައި ހިތްހަމަ ނުޖެހުން ފާޅުކުރާމުންދަނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންއަންނަ ފަސް ޑޮކްޓަރަކާއި 25 ނަރުހެއްގެ އިތުރުން، އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ އެހެން މުވައްޒަފުންނެވެ.

ވޭމަންޑޫ ކައުންސިލްގެ ނައިބް ރައީސް ރަޝްވާން އާދަމް ވިދާޅުވީ ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާކަމަށާއި ކައުންސިލް އިދާރާއަށް ގޮސް އިދާރާގެ އޮފިޝަލުންނާ ވެސް ޑޮކަޓަރުންނާއި ނަރުހުން މިއަދު ބައްދަލު ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލް ބޭރުގައި ޑޮކްޓަރުން ކުރަމުންދާ ހިތްހަމަ ނުޖެހުމުގެ ސަބަބުން، އަތޮޅުގެ ކައިރި ރަށްރަށުން ޑޮކްޓަރަށް ދައްކަން އައިސްތިބި ބައެއް ފަރާތްތައް ވެސް ހިތް ހަމަ ނުޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް އަދި ހިނގާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޭމަންޑޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންނާއި ބިދޭސީ ޑޮކްޓަރުން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން ހޮސްޕިޓަލް ކުރިމައްޗަށް ޖަމާވީ ހެނދުނު 9:00 ޖެހި އިރު ކަމަށާއި މިހާރު ވެސް ނުރުހުން ފާޅު ކުރުން ކުރިޔަށްދާ ކަމަށެވެ.

"އެމީހުން ހިތް ހަމަ ނުޖެހުން ފާޅު ކުރަމުން އެދަނީ މެނޭޖްމަންޓުގެ ފަރާތުން އެބޭފުޅުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް ބަރާބަރަށް ނުލިބުމުގެ ސަބަބުން ކަމަށް ބުނަނީ. )ނުރުހުން ފާޅުކުރަން ޑޮކްޓަރުން ނުކުތުމުން( ހޮސްޕިޓަލްގައި )މިވަގުތު( ޑޮކްޓަރެއް ނެތް، ބަލި މީހުން އެބަތިބި،" ވޭމަންޑޫ އެމީހާ ބުންޏެވެ.

ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންނަށް މެނޭޖުމަންޓްގެ ފަރާތުން ފަހިކޮށްދީފައި ނުވަނީ ކޮން ހިދުމަތްތަކެއް ކަމެއް ސަން އަށް ސާފުވާ ގޮތެއް އަދި ނުވެއެވެ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި މިދުހަތު ނާސިރަށް ގުޅުމުން ފޯނު ނުނަންގަވާތީ ހޮސްޕިޓަލުގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.