މަގުމައްޗަށް ނިކުމެ ހަޅުތާލު ނުކުރަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ "މާލޭގެ އަމާންކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކާއި ކޮންމެ ރެއަކު ހަޅުތާލު ކުރުމަށް ގޮވާލާ ގޮވާލުމަށް އިޖާބަ ނުދިނުމަށް ރައްޔިތުންނަށް ގޮވާލާ" ކަމަށެވެ.

އެއްވުންތަކުގެ ސަބަބުން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކަށް ދާ މީހުންނަށާއި ވިޔަފާރިތަކަށް ގެއްލުންވާކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ޕީޕިއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުުއިއްޒު ވިދާޅުވީ މުޒާހަރާއަށް ދިއުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އެސްއެމްއެސް ފޮނުވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާ ކަމަށެވެ.

ފެންނަމުންދަނީ އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ އެކެއްގައި ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ވުމުން ހަމަނުޖެހުން އުފައްދަން އުޅޭތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ ގައުމުގެ ތަރައްގީއަށްޓަކައި ރައީސް ޔާމީން ކުރައްވާ މަސައްކަތް ފެންނަ ކަމަށާއި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، އާމްދަނީ އިތުރުވާތަން ފެންނަމުންދާ ކަމަށެވެ.