22 Aug 2011, 11:36
މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަ ރަބަރު ޕެކެޓާ އެކު މީހަކު ނައިފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެ ފަރާތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޅ. ނައިފަރު، ލޯޖެހިގެ މުޙައްމަދު ޙަސީބް (19އ) ކަމަށް ފުލުހުން ބުންޏެވެ.
ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ މާލެއިން ޅ. ނައިފަރަށް ދިޔަ ށ. ފުނަދޫގައި ދުއްވާ "ސޯސަންމާ" ބޯޓުން ޅ. ނައިފަރަށް ފޭބިވަގުތު ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެތަކެތި ފެނިފައި ވަނީ އޭނާ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރި ކުރުމުގެ ތެރޭގައި އޭނާ އަޅައިގެންހުރި ބެލްޓް ކަފާލައި ބެލްޓްގެ އެތެރެއަށް ލާފައިވަނިކޮށެވެ.
ވޭތުވެދިޔަ ދެ ހަފްތާތެރޭގައި ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ހަތަރު މައްސަލައެއްގައި ހަ މީހަކު ވަނީ އެ ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
އެ މައްސަލަތައް ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.