23 Feb 2018, 22:15
ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގައި އިޓަލީގެ ތާރީހީ ކްލަބު އޭސީ މިލާނާއި އިނގިރޭސިވިލާތުގެ އާސެނަލް ވާދަކުރަން ޖެހިއްޖެއެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16ގެ ގުރުއަތު މިއަދު ނަގައިފައިވާއިރު، އާސެނަލާއި މިލާން ވާދަކުރާ ފުރަތަމަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ އަށްވަނަ ދުވަހުގައެވެ. އެ މެޗު އޮންނާނީ އިޓަލީގެ ސަންސީރޯގައެވެ. މި ދެޓީމު އެމިރެޓްސްގައި ކުޅޭ ދެވަނަ ލެގު އޮންނާނީ އޭގެ ހަފްތާއެއް ފަހުންނެވެ.
މިވަގުތު އިޓަލީ ލީގުގެ ހަތް ވަނައިގައި އޮތް މިލާންއިން ސެމީއަށް ދަތުރުކުރީ ގަދަ 32ގައި ބަލްގޭރިއާގެ ލުޑޮގަރެޓްސް ބަލިކޮށްގެންނެވެ. އާސެނަލުން ގަދަ 16އަށް ދިޔައީ ސްވިޑެންގެ އޮސްޓްރާސަންސް ކަޓުވާލުމަށް ފަހުގައެވެ.
މިދިޔަ ހަތް އަހަރުވެސް އާސެނަލްވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16އިން ކަޓައިފައެވެ. ގިނަ އަހަރުތަކަކަށްފަހު ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި، އާސެނަލަށް ޔޫރޮޕާ ލީގު ކުޅެން ޖެހުމާއެކު އެޓީމުގެ ކޯޗު ވެންގާއަށް ގިނަ ބަޔަކުދަނީ ފާޑުކިޔަމުންނެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ތިންވަނަ ލިބުމުގެ ސަބަބުން ޔޫރޮޕާ ލީގަށް ދަތުރުކުރި އެތުލެޓިކޯ މެޑްރިޑް ގަދަ 16ގައި ކުޅެން ޖެހެނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށެވެ. ބުރޫޝިއާ ޑޯޓުމަންޑުން ނުކުންނާނީ ރެޑްބުލް ސާލްޒްބާގާ ދެކޮޅަށެވެ.