23 Feb 2018, 18:37
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ހަ މެންބަރަކު ވެރިކަން ކުރާ ޕީޕީއެމްއާ ގުޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި މިއަދު ބޭއްވި "މަގެ ދީނާ މަގެ ގައުމާ" ރެލީގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ "ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅުން ހަ މެންބަރުން ޕީޕީއެމް އަށް ދަމާ ގަންނާނެ" ކަމަށެވެ.
މަޖިލީހުގެ ދައުރު ފެށުމާއެކު މަޖިލީހުގެ މެޖޯރިޓީ އޮންނާނީ ޕީޕީއެމް އަށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ފަލާހު ވިދާޅުވީ އެ ސިޓީގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކުކަން ފެނިގެން ހިނގައްޖެކަމަށެވެ.
އެ ރެލީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން ހިފަހައްޓާފައިވާ ބިންތައް ދޫކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އޭނާ އަރިހު ވިދާޅުވެފައިވާ ކަމަށެވެ.
"ވަރަށް އަވަހަށް އެއާ ބެހޭ އުސޫލެއް ހައްދަވާ އިއުލާނު ކުރައްވާނަމޭ ވިދާޅުވި،" މިނސިްޓަރު ސައީދު ވިދާޅުވިއެވެ.
މިއަދުގެ ރެލީގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ސަރުކާރުގެ ބައެއް ވަޒީރުން އަދި މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.