ފުލުހުންގެ ސްޕެޝަލް އޮޕަރެޝަންސް (އެސްއޯ) ގައި މީގެ ކުރިން މަސައްކަތް ކުރި ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް (ޑީޑީ) ގެ ފޯނު ހިފަހައްޓައިފިއެވެ.

އޭނާގެ ފޯނު ހިފަހައްޓާފައިވަނީ ގެމަނަފުށީގައި ހުއްޓައެވެ. އެނގިފައިވާ ގޮތުގައި އަބްދުﷲ އިބްރާހިމްގެ ފޯނު ހިފަހައްޓާފައިވަނީ ގއ. ވިލިނގިލީގައި މަަސައްކަތް ކުރާ ފުލުހުން މިއަދު ހެނދުނު ގެމަނަފުއްޓަށް ގޮސްގެންނެވެ. ގެމަނަފުއްޓަށް ދިޔަ ފުލުހުން އޭނާގެ ފޯނާއެކު މިހާރު ވަނީ އެނބުރި ވިލިނގިއްޔަށް ގޮސްފައެވެ.

އަބްދުﷲގެ ފޯނު ހިިފަހައްޓާފައިވަނީ ސަރުކާރު ވައްޓަލަން އުޅުނުކަމުގެ ތުހުމަތުގައެވެ. ޑީޑީ މިހާރުވެސް ހުރީ ފުލުހުންގެ ވަޒީފާގައެވެ. އެހެން ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި އެކެއް ފެބްރުއަރީއަށް ފަހު އޭނާ ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އެރޭ ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުމުގައި އެކުލަވާލެވުނު ޓީމުގައި އެސްއޯގެ ކޮމާންޑަރެއްގެ ގޮތުން ހަމަޖައްސާފައިވަނީ އޭނާއެވެ.

އޭނާއަކީ ރޭ ހައްޔަރު ކުރި ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފްއާ ގާތް މީހެއް ކަމަށް އެނގިފައިވެއެވެ.

ސައިފް އާއި އިތުރު ފުލުހަކުވެސް ރޭ ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސައިފްވެސް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.