22 Aug 2011, 11:25
ގިނަމީހުން ގަބޫލުކުރާ ގޮތުގައި އަދަބީ ލިޔުންތަކުން އެބައެއްގެ އޭރުގެ މުޖުތަމަޢު ފެންނާނެ އެވެ. އެ މުޖުތަމަޢެއްގައި މީހުން ދިރިއުޅެމުން އައިސްފައިވާ ގޮތްތައް ސިކުނޑީގެ ލޮލަށް ތަޞްވީރުވަމުން އަންނާނެ އެވެ. އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުމެވެ. އާދަކާދައާއި ސަގާފަތެވެ. ބަސްމަގު ހުންނަގޮތާއި އަދިވެސް މިފަދަ އެތައް ކަމެކެވެ.
މިދެންނެވިފަދަ އަދަބީ ލިޔުންތައް ދިވެހި ފޮތް އަލަމާރިތަކުންވެސް ފެންނާން އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ އިހުގެ ލިޔުންތަކުން އޭރުގެ މުޖުތަމަޢު ފެނެއެވެ. ދިވެހިންގެ ކިބައިގައި ހުންނަ ރީތި ސިފަތަކެވެ. އޭގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތުކުރާ ގޮތެވެ. އެލިޔުންތަކުން ހެކިދޭގޮތުންނަމަ ދިވެހިން އިހުޒަމާނުގައި އާންމު މުޖުތަމަޢުގައި، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާފައި ހުރީ، ކަންފަތަށް ފަސޭހަ، ރީތި ބަސްތަކަކުންނެވެ. ހުތުރު ބަސްތަކާއި ބޭއަދަބީ އިބާރާތްތަކަށް ފުރުޞަތު ނުދީއެވެ.
އިހުގެ މުޖުތަމަޢު އަޅުގަނޑުމެންނަށް ފެންނާން މިއޮތީ އޭރުގެ ލިޔުން ތަކުންނެވެ. މީހަކު ބުނެފާނެ އެވެ. އެއްވެސް މީހަކުވެސް ލިޔުމެއް ލިޔާއިރު އެތަނެއްގައި ހުރި އުނި ކަންކަމުގެ ވާހަކައެއް ނުލިޔާނެ އެވެ. ލިޔާނީ ނެތް ފެންވަރުންވެސް މޮޅަށެވެ. އެފަދަ ބުނުމަކަށް ދޭން އޮތް ޖަވާބަކީ، މީހަކު އެހެންވެސް ހަދާފާނެ އެވެ. އެކަމަކު އެންމެން އެގޮތަކަށް އެކަމެއް ނުކުރާނެ އެވެ. ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ވާހަކަތަކަށް ބަލައިލުމުން އުފަލުން ހިތް ފުރެއެވެ. "ރިވާޔަތު މޫސާ ވަ ޒުލޭޚާ" "ނުޢުމާނު ވަ މަރްޔަމް" "ދޮންބީފާނު ވާހަކަ" ފަދަ ވާހަކަތަކުން ދިވެހިންގެ އޭރުގެ އިހުތިރާމީ ބަހުރުވަ ފެނެ އެވެ.
ދެން ވިސްނައިލަންވީ މިއަދުގެ "ފަޚުރުވެރި" މުޖުތަމަޢަށެވެ. މައްސަލަތައް ބައިވަރެވެ. އޭގެތެރެއިން ވެސް ފާހަގަކުރެވޭ އެއްކަމަކީ ވާހަކަ ދައްކާ ގޮތެވެ. އަޑުއަހާލަން ފަސޭހަ ހެއްޔެވެ؟ ގާތް ރައްޓެއްސަކާ އަނގައިން ބުނެލާ މިހާވެސް، ބޭނުންކޮށްލާ އިބާރާތް ކަންފަތުގައި ޖެހުމާއެކު ކަންފަތް ހިރުވައިގަނެވެ. ކެތެއް ނުކުރެވެ އެވެ. އެތަނެއް ދޫކޮށް އަވަހަށް ދިޔުން ނޫން ގޮތެއް ނޯވެއެވެ. އެކަމަކު ކޮންމެ ކޮންމެ މާޙައުލަކީ، އެހާ ފަސޭހައިން ދޫކޮށްލެވޭނެ މާޙައުލަކަށް ނުވެ އެވެ. ފެރީއެއްގެ ތެރޭގައި ތިއްބާ، ނޫނީ ބަހެއްގެ ތެރޭގައި ތިއްބާވެސް، މިދެންނެވި ހިރުވުންގަނޑު ކުރިމަތިވެދާނެ އެވެ. އޭރު ގާތުގައި އިންނާނީ މަންމައެވެ. ބައްޕަ އެވެ. އެއްބަނޑު ތިމާގެ މީހެކެވެ. ދަރިއެކެވެ.
މިވާހަކަ މިގޮތަށް ލިޔުމުން ހިތަށް އަރައިފާނެ އެވެ. ތިޔައީ މުޅި މުޖުތަމަޢަށް ނިސަބަތް ކުރަންޖެހޭ ވާހަކައެއް ނޫނެވެ. ވަކި ބަޔަކު އުޅޭގޮތެކެވެ. ރަނގަޅު ވާހަކަ އެކެވެ. އެއްވެސް ކަމެއް އެންމެނެއް ނުކުރާނެ އެވެ. އެކަމަކު މިދެންނެވި ގޮތަށް ދަށް ބަހުރުވައިން މުޢާމަލާތު ކުރާ މީހުން، މިއަދުގެ މުޖުތަމަޢުގައި މަދެއް ނޫނެވެ. ޒުވާނުންނާއި ހަރުމީހުންނާއި ދުވަސްވީ މީހުންގެ ދުލުކުރީގައި ވެސް ބޭއަދަބީ ފެންވަރުގެ ލަފުޒުތަކާއި އިބާރާތްތައް ލިޔެވިފައި ހުންނަލެއް މަދެއް ނޫނެވެ.
މިފަދަ މީހުން ދެކެނީ އެއީ ވަރަށް މޮޅުކަމެއް ކަމަށެވެ. ގިނަ ބަޔެއްގެ ރުހުމާއި ތާޢީދު ލިބޭނެ ކަމެއް ކަމަށެވެ. ބައެއް ފަހަރު އެކަން ވަނީވެސް އެކަހަލަ ގޮތަކަށެވެ. ހަޑިހުތުރު ބަހުރުވައިން، ހަޅޭއްލަވާގޮތަށް މީހަކު ވާހަކަ ދައްކާނަމަ، އެ ވާހަކައަކަށް ސަމާލުކަން ދޭމީހުން ގިނަވެއެވެ. ކަންފަތް ހިރުވާ ފަދަ ބުނުންތަކާ ގުޅިގެން ޖަހާލާ ހިނިގަނޑު ބާރުވެ އެވެ. ވާހަކަދައްކާ މީހާއަށް ލިބޭ ހިތްވަރު އިތުރުވެ އެވެ. ދުލަށް ގެންނަ އެފަދަ ލަފުޒުތަކުގެ ބުރަދަން ބޮޑު ކުރެއެވެ.
އެކަމަކު ދަންނަވަންތޯ އެވެ. މިއަދުގެ މުޖުތަމަޢު އެފަދަ ކަންކަން ބަލައިގަންނަމުން ދާހެން ހީވިޔަސް، އެއީ ވަރަށް ދަށްފެންވަރުގެ ކަމެކެވެ. އެކަމުގެ ސަބަބުން ވެއްޓޭނީ އެހެން މީހެއްގެ އަގެއް ނޫނެވެ. ހަމަ ތިމާގެ އަގެވެ. ރީތި ގަމީހަކާއި ފަޓުލޫނެއް ލައިގެން، މޮޅު ފައިވާނަކަށް ނުވަތަ ބޫޓަކަށް އަރައިގެން ހުއްޓަސް އަދި ކިތަންމެ މައްޗަށް ކިޔަވައިގެން ހުއްޓަސް، އެހެންމީހުން ތިމާ ކިރާލާނީ ރާތާގާބަރީގެ އެންމެ ދަށް މިންގަނޑުންނެވެ. އަންނަން އޮތް ޖީލުތަކަށް މިއަދުގެ ޖީލު ފެންނާނީ، މިއަދުގެ ޖީލަށް އިސްވެ ދިޔަ ޖީލު ފެނުނު ސިފައަކަށް ނޫނެވެ.