ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ބައިވެރިން މ. ކުނޫޒު ތެރޭގައި ތިއްބައި ފުލުހުން ޕެޕާ ސުޕްރޭ ޖެހުމުގެ ސަބަބުން ފިޓުޖެހުނު މީހަކު އަދިވެސް ހޭނާރާ ކަމަށް އެމީހާގެ އާއިލާ އިން ބުނެފިއެވެ.

ހާލު ސީރިއަސްވެ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނީ މ. ގޯނބިލިގަސްދޮށުގޭ، އުމުރުން 43 އަހަރުގެ އަބްދުﷲ ސަލީމަށެވެ.

"ސަން" އާ ވާހަކަ ދައްކަމުން ސަލީމްގެ ބޭބެ ބުނީ ކޮއްކޮ އަށް މިހާރު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި އަދިވެސް އޭނާ ހޭނާރާ ކަމަށެވެ.

ސަލީމް ރޭ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާއަށް ވަނީ ފިޓްޖެހިފައި ކަމަށް އާއިލާ އިން ބުންޏެވެ.

"ކުނޫޒު ދޮރުމަތީ ހުއްޓާ ޕެެޕާ ސުޕްރޭ ޖެހީ. ޕެޕާ ސްޕްރޭގެ އަސަރު މާ ބޮޑަށް ކޮށްގެން ކަމަށް ބެލެވެނީ ފިޓްޖެހުނީ،" ސަލީމްގެ ބޭބެ ބުންޏެވެ.

އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ސަލީމް ގެންދަން އާއިލާ އިން ބޭނުންވާ ކަމަށް ވެސް އޭނާގެ ބޭބެ ބުންޏެވެ.

"ޑޮކްޓަރުން ލަފާއެއް އަދި ނުދެއްވާ ރާއްޖެއިން ބޭރަށް ގެންދާކަށް. ބޭރަށް ގެންގޮސްގެން ރަނގަޅު ކުރެވޭނަމަ އާއިލާއިން ބޭނުންވޭ ބޭރަށް ގެންގޮސްގެންވެސް ފަރުވާ ދޭން. ރަނގަޅު ކުރަން،" ސަލީމުގެ ބޭބެ ބުންޏެވެ.

ނަމަވެސް ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާދޭނެހާ ތަނަވަސްކަން އާއިލާގެ ކިބައިގައި ނެތްކަމަށް ސަލީމުގެ ބޭބެ ބުންޏެވެ.

ސަލީމުގެ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޖްގެ ބަހެއް ހޯދަން ކުރި މަސައްކަތުން، ފޯނަށް ޖަވާބު ނުދޭތީ، އެ ހޮސްޕިޓަލުގެ ބަހެއް ނުލިބެއެވެ. އަދި މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފައެވެ.