23 Feb 2018, 16:15
ކުރިއަށް އޮތް މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ހދ. ނެއްލައިދޫގެ ކޯޗަކަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުރީ ކެޕްޓަން އައްސަދު އަބްދުލްޣަނީ ހަމަޖައްސައިފިއެވެ.
އައްސަދަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ. ހާއްސަކޮށް އައްސަދު ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް އުފުލާލަދިން "ގޯލްޑް ކެޕްޓަން"ގެ ގޮތުގައެވެ.
ވެލެންސިއާ އަދި އީގަލްސް ފަދަ ޓީމުތަކަށް މޮޅު ކުޅުމެއް ދެއްކި ކުރީގެ ކުޅުންތެރިޔާ އައްސަދު ވަނީ ގައުމީ ޓީމަށްވެސް 100 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅެދީފައެވެ. ރަސްމީކޮށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށްފަހު އައްސަދު ވަނީ ގައުމީ ޓީމު އެސިސްޓެންޓް ކޯޗުގެ މަގާމުންވެސް ފެނިފައެވެ.
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ނެއްލައިދޫ ޓީމުގެ ފަރިތަކުރުންތައް ކޯޗު އައްސަދާއެކު މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު "ސަން ސްޕޯޓްސް"އާ ވާހަކަ ދައްކަމުން އައްސަދު ބުނީ ނެއްލައިދުއަށް ކޯޗެއްގެ ގޮތުގައި ދާން ވިސްނީ ގިނަ ރަހުމަތްތެރިންތަކެއް އެކަމަށް އެދުމުން ކަމަށެވެ. އަދި ޓީމާއެކު މުބާރާތުގައި އޭނާއަށް ދެވެން އޮތް އެންމެ ދުރަކަށް ދިއުމަށް ވިސްނާ ކަމަށާއި، ނަތީޖާތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އައްސަދު ބުންޏެވެ.
މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރި ނުވިނަމަވެސް ނެއްލައިދޫވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. އެއަހަރު ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ހަނިމާދޫއެވެ.
ނެއްލައިދޫ ޓީމުގެ ފަރާތުން "ސަން ސްޕޯޓްސް"އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިލްހާމް ވިދާޅުވީ ޓީމުން ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށާއި، ފުރަތަމަ ޓާގެޓަކީ ޒޯން މުބާރާތް ކަމަށެވެ.
ޓީމުގައި ހިމެނޭނީ މުޅިންވެސް ރަށަށް ނިސްބަތްވާ ކުޅުންތެރިން ކަމަށާއި އޭގެ ތެރޭގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭނެ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ޓީމުގެ ބައެއް ކުޅުންތެރިން އަދި ރަށުގައި ނެތް ނަމަވެސް ވަރަށް އަވަހަށް އެ ކުޅުންތެރިންވެސް ޓީމާ ގުޅޭނެ ކަމަށެވެ.