ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް އދ.އިން އެހީތެރިވުމަށް ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމަކަށް ދިވެހި ސަރުކާރުން ދެކޮޅުހަދާފައިނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާ ގުޅޭގޮތުންނާއި، އެ މަޝްވަރާތަކުގައި އދ.އިން އެހީތެރިވުމާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކާ ގުޅޭ ތެދު މަޢުލޫމާތު ސާފުކޮށްދިނުމަށް އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމުގައި އދ.ގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށްއެދި، 2015 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި ފުރަތަމަ އެދިވަޑައިގެންނެވީވެސް ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

މި އެދިވަޑައިގަތުމާ ގުޅިގެން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބެއްގެ އެހީތެރިކަމާއެކު އެތައް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި ނަމަވެސް، އިދިކޮޅު ޕާޓީތަކުން މިކަމަށް ދޭންވާ އަހައްމިއްޔަތުކަމާއި އެއްބާރުލުން ނުދިނުމުގެ ސަބަބުން، މި މަޝްވަރާތަކަށް އެދެވޭ ކުރިއެރުމެއް ނުލިބޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ މިގޮތަށް ކަން ހިނގާފައިވީ ނަމަވެސް ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރަން ބޭނުންވާކަމާއި މިކަމާބެހޭ މަޢުލޫމާތު އދ.އާ ޙިއްޞާކުރަމުން ގެންދާ ކަމަށާއި އަވަސް ފުރުޞަތެއްގެތެރޭގައި މި މަޝްވަރާތައް ބޭއްވޭނެ ކަމަށް ދިވެހި ސަރުކާރުން އުއްމީދު ކުރާކަމަށެވެ.

ރާއްޖޭގެ މަސްރަޙު މިހާރު އޮތްގޮތުން، ޤައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަކީ މުހިއްމުކަމެއްކަމަށް ފެންނާތީ، ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް އެދި ކުރީ ފަހަރުތަކެކޭވެސް އެއްފަދައިން، ސިޔާސީ ޕާޓީތަކަށް މި މަހުގެ 8 ވަނަ ދުވަހު ދައުވަތު ފޮނުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިލްތިމާސްކޮށް މިމަހުގެ 11 ވަނަ ދުވަހުވެސް ސިޔާސީ ޕާޓީތަކަށް އަލުން ދަޢުވަތު ފޮނުވާފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.