22 Feb 2018, 23:09
ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގެ ތެރޭގައި އޮންނަ ސްޕެޝަލްް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް އާއި އިތުރު ފުލުހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ސްޕޯކްސް ޕާސަން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރީ ކޮން ބައެއް ކަމެއް، އަދި އެމީހުން ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުންގެ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ސައިފް -- ފޮޓޯ: މީސްމީޑިއާ
ނަމަވެސް ހައްޔަރުކުރި ދެ ފުލުހުންގެ ތެރޭގައި ސައިފް ހިމެނޭކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ. އޭނާ ހައްޔަރުކޮށްގެން ވެހިކަލަށް އެރުވި މަންޒަރު ބައެއް ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.
މައުލޫމާތު ލިބޭގޮތުގައި ސައިފް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ހ. ކިނބިމާގެ އިންނެވެ. ސައިފް ހައްޔަރު ކުރުމުގެ ކުރިން ފުލުހުންތަކެއް ވަނީ އެގެއަށް ވަދެ އެގެ ބަލާ ފާސްކޮށްފައެވެ.
ސައިފް ހައްޔަރުކޮށްފައިވާއިރު އޭނާ އަކީ އަދިވެސް ފުލުހުންގެ ވަޒީފާގައި ހުރި މީހެކެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ފުލުހުންގެ ސަޕޯޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމަންޓްގައެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ސައިފް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެކުލަވާލި ޓީމްގެ ތެރޭގައި ސައިފް ހިމެނޭކަން "ސަން" އަށް ވަނީ އެނގިފައެވެ. އެރޭ މާލެގައި ކުރި މުޒާހަރާގައި އެސްއޯ ފުލުހުންނާއި ސައިފްއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ.