ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާއިރު، ބްރިޖުގެ މައި ތަނބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ގުޅާލެވޭ ދެ ތަނބުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖުގެ އަޕްޑޭޓުތައް އާންމުކުރައްވައި މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައިތަނބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ގުޅާލާ ދެ ތަނބަކީ ޕަޔާ 22 އަދި 23 ކަމަށެވެ. މި ދެތަނބުގެ މަސައްކަތުގެ ތެެރެއިން މިހާރު ކުރިއަށްދާ 10 މީޓަރުގެ މަސައްކަތް މާޗް މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މުއިއްޒު ގެންދަވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ހަލުވިމިން ދައްކައިދޭ ފޮޓޯތައް ޓްވީޓު ކުރައްވަމުންނެވެ.

މިމަހުގެ 13 ވަނަ ދުވަހު މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 480 މީޓަރުގެ ބްރިޖްގެ ޑެކް ނުވަތަ ސުޕަ ސްޓްރަކްޗާގެ ކޮންކްރީޓް އައިބީމް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށާއި މާލެ ކޮޅުން 180 މީޓަރުގެ ބްރިޖް ޑެކް ސްޕޭން ނިމިފައިވާ ކަމަށެވެ.

ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތުގެ އަޕްޑޭޓުތައް ފެންނަ ފޮޓޯތައް--- ފޮޓޯ: މިނިސްޓަރު މުއިއްޒު/ ޓްވިޓާ

ޖުލައިމަހުގެ ނިޔަލަށް ބްރިޖުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާކަމަށް މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.