ރާއްޖޭގެ މަޝްރަހާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުން ބަޔާންތައް ނުނެރެ، މަޝްވަރާ ކުރަން ސަރުކާރުން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަޝްރަހާ ގުޅޭގޮތުން އިންޑިއާގެ ސަރުކާރުން ނެރުނު ބަޔާން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު، 15 ދުވަހުގެ މުއްދަތަށް އިޢުލާނު ކުރި ކުއްލި ނުރައްކަލުގެ ޙާލަތު، މިމަހުގެ 20 ވަނަ ދުވަހު، 30 ދުވަހުގެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުން އިތުރު ކުރެއްވުމާ ގުޅިގެން، އެ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް އިންޑިއާ ސަރުކާރުން ކަނޑައަޅާފައި ވަނީ، ހަޤީޤަތާ ހިލާފަށް، ފެންނަންހުރި ހެކިތަކަށް ބެއްލެވުމެއްނެތިކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ އެލްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ނުރުނު ބަޔާނެއްގައި ބުނީ މިމަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން މަޖިލީހުން ރުހުން ދިނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖޭގެ ޖުޑިޝަރީ ފަދަ ޑިމޮކްރެޓިކް އިދާރާތަކުގެ މަސައްކަތްތަކާއި ސިޔާސީ އެހެނިހެން މަސައްކަތްތައް ހުއްޓުވުމަކީ ރާއްޖެ އާއްމު ހާލަތަށް ރުޖޫއަވުން ލަސްވެގެން ދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރައީސުލްޖުމްހުރިއްޔާ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރެއްވީ، ގާނޫނުއަސާސީގެ ބާރުތައް ހިއްޞާރުކުރާ ހިސާބަށް ކަންކަން ދިޔުމުން، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫއަރާ ހިސާބަށް ޤައުމުގެ ޙާލަތު ގޮސްފައިވާކަމަށް ޤައުމީ ސާލާމަތާބެހޭ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާތީ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައެވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައި ރައީސް ނެރުއްވި ގަރާރު މި މަހުގެ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން ބޭއްވުނު ޚާއްސަ ޖަލްސާގާއި، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އިސްލާހުތަކަކާއެކު ފާސްކޮށްފައިވާ ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރުކުރައްވާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖެ މިހާރު ދެކެމުން މިދަނީ މީގެ ކުރުން ދެކެފައިނުވާފަދަ ދަތި އުނދަގޫ ދަޑިވަޅެއް ކަމަށާއި، މި ހުތޫރަތްތެރި ދަނޑިވަޅުގައި އިންޑިއާއާއި ބައިިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެއަށް އެއްބާރުލުން ދިނުމަސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

"ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އެއްބާރުލުން ދެއްވުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ. އަދި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނޭފަދަ ޢަމަލުތައް ނުކުރެއްވުމަށާއި، ރާއްޖޭގެ ޢާއްމު ޙާލަތު ޢިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތަކުން އެއްކިބާވެތިއްބެވުމަކީވެސް ދިވެހި ސަރުކާރުގެ އެދުމެކެވެ." އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން، އުފެދިފައިވާ ކަންބޮޑުވުންތައް ޙައްލުކުރުމަށްޓަކައި، ބައިނަލްްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށްއޮތްކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.