22 Feb 2018, 17:45
ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން މިހާރު ފަށާފައިވާ ކަމަށެވެ. އިންތިޚާބު ރަސްމީކޮށް އިއުލާނު ކުރާނީ ޖުލައިމަހު ކަމަށާއި ގާނޫނުގައި ވާގޮތުގެ މަތިން ސެޕްޓެމްބަރު މަހު އިންތިޚާބު އޮންނާނެ ކަމަށްވެސް އީސީ އިން ބުނެއެވެ.
ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އާންމުކޮށް އިއުލާން ކުރަންޖެހޭނެ އެވެ.
މި ފަހަރުގެ އިންތިޚާބުގައިވެސް ބޭރުގެ ފަރާތްތަކާއެކު މަސައްކަތްކުރާނެ ކަމަށާއި ޚާއްސަގޮތެއްގައި ދައުލަތާއެކު އިންތިހާބުގެ ގާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަންއިން ދީފައިވާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާ ކަމަށް އީސީގެ ބަޔާނުގައިވެއެވެ.
ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކަށް މަޝްވަރާކުރުމަށްޓަކައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ވަފުދުގެ ބޭފުޅުންނާއި ވިލާތުގެ އިއްތިހާދުން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައެވެ.