މީހެއްގެ ސިކުނޑީގައި އުފެދިފައި އިން 1.8 ކިލޯގެ ޓިއުމަރެއް ނެގުމަށް އޮޕަރޭޝަނެއް ކޮށްފިއެވެ.

އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ނެގި ޓިއުމަރަކީ މިހާތަނަށް މީހެއްގެ ހަށިގަނޑުން ނެގި އެންމެ ބޮޑު ޓިއުމަރުކަމަށް ރިޕޯޓުތައް ބުނެއެވެ. ޓިއުމަރު ނެގުމަށް ވަނީ ހަތް ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ޓިއުމަރު އުފެދިފައިވަނީ އިންޑިއާގެ އުއްތަރު ޕްދަދޭޝްގެ ފިހާރައެއްގައި މަސައްކަތް ކުރާ މީހެއްގެ ސިކުނޑީގައެވެ. ސެންތުލާލް ޕަލް ކިޔާ އެ މީހާގެ ސިކުންޑީގައި ޓިއުމަރު އުފެދިފައިވާތާ ތިން އަހަރު ވެއްޖެކަމަށް ހަބަރުތައް ބުނެއެވެ.

އޭނާގެ އޮޕަރޭޝަން ކުރެއްވި ޑޮކްޓަރާ ހަވާލައިދީ، ބީބީސީން ބުނީ މިހާރު އިންތިޒާރު ކުރެވެނީ އޭނާ އެއްކޮށް ރަނގަޅުވާނެ ދުވަހަކަށް ކަމަށާއި މިހާރު އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ޓިއުމަރުގެ ސަބަބުން ޕަލްގެ ލޮލުގެ ފެނުންވެސް ވަނީ ގެއްލިފައެވެ. ނަމަވެސް އޮޕަރޭޝަނަށްފަހު އަނެއްކާވެސް އޭނާގެ ލޮލުގެ ފެނުން އިއާދަވާނެ ކަމަށް އުންމީދުކުރައްވާކަމަށް ޑޮކްޓަރު ވިދާޅުވެއެވެ.

އޮޕަރޭޝަން ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޮޕަރޭޝަނަށްފަހު ދެތިންދުވަސް ވަންދެން ޕަލް ބާއްވާފައި އޮތީ ވެންޓިލެޓަރުގައެވެ. އޭނާ އަށް 11 ޕޮއިންޓުގެ ލޭ ބޭނުންވިކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޕަލްގެ އަނބިމީހާ ބުނީ ޕަލްގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްގެން ޓިއުމަރު ނުނެގޭނެ ކަމަށް އުއްތަރު ޕްރަދޭޝްގެ ތިން ޑޮކްޓަރަކު މީގެ ކުރިން ބުނި ކަމަށެވެ.