22 Feb 2018, 16:06
ރާއްޖެ ޓީވީގެ އާންމު ބްރޯޑްކާސްޓް ތިން ދުވަހަށް މެދު ކަނޑާލި މައްސަލާގައި އެ ސްޓޭޝަން 2000 ރުފިޔާއިން ޖޫރިމަނާކޮށް އެކަން ބްރޯޑް ކާސްޓިންގް ކޮމިޝަނުން އަންގައިފި އެވެ.
ރާއްޖެ ޓީވީގެ އާންމު ބްރޯޑްކާސްޓް މެދުކަނޑާލީ މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތްކަމަށް ބުނެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެމައްސަލަ ބަލައި ނިންމި ނިންމުމުގައި ބުނެފައިވަނީ ރާއްޖެ ޓީވީ 8 ފެބުރުއަރީ 2018 ދުވަހުގެ ރެއިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ގެ 40 ވަނަ މާއްދާއާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
"ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ ގަވާއިދުގެ ޖަދުވަލު 3 ގެ 2 ވަނަ ނަންބަރުގެ ދަށުން “ރާއްޖެ ޓީވީ” 2,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ވަނީ ނިންމާފައި،" ބްރޯޑް ކޮމްއިން ބުނެފައިވެ އެވެ.
އަދި އެފައިސާ 20 މާޗުގެ ކުރިން ދެއްކުމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގާފަ އެވެ.
އާންމު ބްރޯޑް ކާސްޓް މެދުކަނޑާލަމުން ރާއްޖެ ޓީވީން ބުނެފައިވަނީ ރާއްޖެޓީވީއާއި އެ ޓީވީގެ މުވައްޒަފުންނަށް ކެނޑިނޭޅި އިންޒާރުތައް ލިބެމުން ދިއުމާއި، ފުލުހުން ރާއްޖެ ޓީވީއަށް ދެމުންދިޔަ ހިމާޔަތް މެދުކަނޑާލާފައި ވާތީއާއި، މީޑިއާތަކުގެ ޚިދުމަތް އިންޒާރެއް ދިނުމެއް ނެތި، ވަގުތުން ހުއްޓުވާނޭ ކަމަށް އެމްއެންޑީއެފުން އަންގާފައި ވާތީ އެ ޓީވީގެ ޚިދުމަތް މެދުކަޑާލީ ކަމަށެވެ.