22 Aug 2011, 10:40
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރު ފަޒީލް ނަޖީބުގެ އިތުބާރެއް ނެތް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ މައްސަލަ މިހާރު ކުރިއަށް ގެންދަވަން ބޭނުންފުޅު ނޫން ކަމަށެވެ.
ރައީސްގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އިއްވުމަށް ފަހު، މަޖިލީހުގެ ރައީސް ވިދާޅުވީ އެ މައްސަލަ އޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ކަމަށާއި އެ ކޮމެޓީން އެ މައްސަލަ އަދި ވަކި ގޮތަކަށް ނިންމާފައި ނުވާތީ އާ އެކު، ރައީސް ވިދާޅުވެފައިވާ ގޮތުގެ މަތީން އެ މައްސަލަ މަޖިލީހުން ކުރިއަށް ގެންދެވުން ނިމުނީ ކަމަށެވެ.
ފަޒީލް ނަޖީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ސަރުކާރުން ގެންދެވީ، އެ މައްސަލަ ބެލުމަށް ނެގި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު ފަޒީލުގެ މައްސަލައެއް ނެތް ކަމަށް ބުނެފައިވަނިކޮށެވެ. އަދި ސަރުކާރުން އޭނާއާ މެދު ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތެއް ނެތް ކަމަށް އެ ކޮމިޓީން ބުނެފައިވެ އެވެ.
މައްސަލަ ދިރާސާކުރި ސަބް ކޮމިޓީގައި ހިމެނެނީ އެމްޑީޕީ ދެ މެމްބަރަކާއި ޑީއާރުޕީ މެމްބަރެއްގެ އިތުރުން ގައުމީ ޕާޓީގެ ހަމައެކަނި މެމްބަރު ވިލުފުށި ދާއިރާގެ ރިޔާޒް ރަޝީދެވެ.
ފަޒީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވީ ކުރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް އިގުތިސާދީ އަދި މާލީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި"ފަޒީލް ނަޖީބުގެ ތަޖުރިބާ އާއި މަސައްކަތްތައް ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ" ކަމަށެވެ.