22 Feb 2018, 15:08
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވެރިކަމުގައި ހުންނެވި ދުވަސްވަރު ހިންގާފައި ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމަނިކުފާނާ ސުވާލު ކުރަން މަސައްކަތް ކުރި ކަމަށް ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2007 ވަނަ އަހަރު ރައީސް މައުމޫނު ހިންގާފައި ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އޭސީސީ އިން އެމަނިކުފާނާ ސުވާލު ކުރަން މަސައްކަތް ކުރި ކަމަށެވެ.
My client@maumoonagayoomtold me that@ACC_Maldivestried to question him in relation to some issue dating back to 2007. ACC must realise that my client is entitled to be questioned in the presence of his attorney. Worrying to know ACC don't read CPC.
— Hussain Shameem (@HuShameem)February 22, 2018
ވަކީލެއްގެ ޣައިރު ހާޒިރުގައި އޭސީސީ އިން ރައީސް މައުމޫނާ ސުވާލު ކުރަން މަސައްކަތް ކުރުމުން ޝަމީމު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ އޭސީސީގެ ބޭފުޅުންނަށް ކްރިމިނަލް ޕްރޮސީޖާ ކޯޑް ނޭނގޭތީ ކަންބޮޑުވާ ކަމަށެވެ.
މީގެ ކުރިން ވެސް ރައީސް މައުމޫނު ވެރިކަމުގައި ހުންނެވި އިރު ކޮރަޕްޝަން މައްސަލައެއް ހިންގެވި ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ ވެސް ފުލުހުން ސުވާލު ކުރި އެވެ. ނަމަވެސް ފާރިސްގެ މައްޗަށް އެމައްސަލާފައި ދައުވާ ނުއުފުލޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އަކީ ފާރިސް ދައުލަތުން ކޮށްފައިވާ ހަރަދެއް ނުދައްކާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދުމުން ބެލި މައްސަލައެއް ކަމަށެވެ.
ޕީޖީ އޮފީހުން އެގޮތަށް ނިންމާފައި ވަނީ ގާނުނުލް އުގޫބާތުގެ 61 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެވެ.
އެމާއްދާގެ އެއްވަނަ ނަމްބަރުގައި ބުނެފައި ވަނީ ޖިނާއަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި އެ ކުށްކުރި ވަގުތުން ފެށިގެން އަށް އަހަރު ދުވަސް ވެފައިވާ ނަމަ ދައުވާ ނުކުރެވޭނެ ކަމަށެވެ.
ރައީސް މައުމޫނު ހައްޔަރުކޮށް ދޫނިދޫގައި ބަންދު ކުރައްވާފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކޮށްފަ އެވެ.