23 Feb 2018, 10:13
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު، ހޮސޭ މޮރީނިއޯ ބޭނުންކުރާ ޓެކްޓިކްސް ނުވަތަ އުކުޅުތަކާ ހެދި ސަޕޯޓަރުން ލަދު ގަންނަން ޖެހޭ ކަމަށް އިއެން ރައިޓް ބުނެފިއެވެ.
އިއެން ރައިޓްއަކީ އިނގިރޭސިވިލާތުގެ ފުޓުބޯޅަ ލެޖެންޑެކެވެ. ކްލަބު ކެރިއަރުގައި އޭނާ ވިދާލާފައިވަނީ އާސެނަލްގައެވެ. އާސެނަލް އަދި ކްރިސްޓަލް ޕެލެސް ފަދަ ކްލަބުތަކަށް ގިނަ މެޗުތަކެއް ކުޅެފައިވާ ރައިޓަކީ މިހާރު ބީބީސީއާއި އައިޓީވީ ސްޕޯޓްސް އަދި ބީޓީގެ ފުޓުބޯޅަ އެނަލިސްޓެކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ބުދަދުވަހުގެ ރޭ ޔުނައިޓެޑުން ސެވިއްޔާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ރައިޓް ވަނީ މޮރީނިއޯގެ ޑިފެންސިވް ޓެކްޓިކްސްއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ރައިޓް ބުނީ އޭނާ ދަންނަ މެންޗެސްޓާ ޔުނައިޓެޑަކީ އެޓޭކު ކުރާ ޓީމެއް ނަމަވެސް މޮރީނިއޯގެ ކޯޗު ކަމުގައި އެ މަންޒަރު ނުފެންނަ ކަމަށެވެ.
"ޔުނައިޓެޑާ ދެކޮޅަށް އަހަރެން ގިނަ މެޗުތަކެއް ކުޅުނިން. އެންމެން އޭރު ތައުރީފު ކުރީ ޔުނައިޓެޑަކީ އެޓޭކު ކުރާ ޓީމެއް ކަމަށް ބުނެ. ޔުނައިޓެޑްގައި ތިބި ކުޅުންތެރިންނަށް ބަލަމާ ހިނގާ. ރަޝްފޯޑު، އެލެކްސިސް ސަންޗޭޒް، އެންތޯނިއޯ މާޝަލް، ލުކާކޫ އަދި މެދުގައި އެ ކުޅުންތެރިންނަށް ސަޕޯޓު ދޭން ޕޮގްބާ. އެހެން ޓީމުތަކުން ޖެހިލުންވާވަރުގެ އެޓޭކިން ކުޅުންތެރިން،" ރައިޓް ބުންޏެވެ.
ރައިޓް ބުނެފައިވަނީ މޮރީނިއޯއަށް ލިބިފައި އޮތް ސްކޮޑުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވޭ ކަމަށާއި، ޔުނައިޓެޑްގެ ފަރާތުން ފެންނަ ޑިފެންސިވް ކުޅުމުގެ ފަހަތުގައި ވަނީ މޮރީނިއޯ ކަމަށެވެ.
"އެވަރުގެ ސްކޮޑެއްގެ ފަރާތުން ފެންނަން ޖެހޭ ކުޅުމެއް ނޫން ޔުނައިޓެޑުން ފެންނަނީ. ޔުނައިޓެޑް ކުޅޭ ކުޅުމުގެ ސަބަބުން ސަޕޯޓަރުން ލަދުގަންނާނެ،" ރައިޓް ބުންޏެވެ.
މޮރީނިއޯ އަބަދުވެސް ފާހަގަކުރެވެނީ ފުޓުބޯޅަ ދިރާސާކުރާ މީހުންނާ ދެކޮޅު މީހެއްގެ ގޮތުގައެވެ. ރައިޓް ވަނީ މޮރީނިއޯގެ އެ ވިސްނުމަށްވެސް ފާޑު ކިޔައިފައެވެ.
"އަހަރެންނަކީ ފުޓުބޯޅައިގެ ތަޖުރިބާކާރެއް ނޫން. ނަމަވެސް 25 އަހަރު އިނގިރޭސި ފުޓުބޯޅައިގެ ތެރޭގައި އުޅެފައިހުރި މީހަކަށް ވުމުން އެނގޭ ޔުނައިޓެޑު ދަނީ ރަނގަޅު މިސްރާބަށް ނޫންކަން. ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރަން ޖެހުނީވެސް ފޫހި ފުޓުބޯޅައެއް ކުޅުވަން ފެށުމުން. އަހަރެން ހީކުރިން ޔުނައިޓެޑަށް ގޮސް މޮރީނިއޯ ދައްކާނީ އޭނާއަކީ އެޓޭކިން ފުޓުބޯޅަ ކުޅުވަން އެނގޭ މީހެއްކަން ކަމަށް. އެކަމަކު މޮރީނިއޯގެ ވިސްނުން ބަދަލެއް ނުވޭ،" ރައިޓް ބުންޏެވެ.