22 Feb 2018, 15:01
ސަރުކާރުން ހިންގާ ވެހިފެށި މާލެ ޕްރޮގްރާމުގެ ދަށުން، ފްލެޓުގެ ބޭނުމުގައި މާލެއިން ދޫކޮށްލި 66 ބިމެއް ވިއްކާލުމަށް ސަރުކަރުން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ އާންމުކުރި އިއުލާނެއްގައި ވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ 66 ބިމެއް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
ވެށިފަހި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގެ ދަށުން ދޫކުރި ތަންތަނުގެ ބަދަލުގައި ހުސްވި ބިންތައް ވިއްކަނީ، ހައުސިން މިނިސްޓްރީ އިން ބުނި ގޮތުގައި، ދައުލަތުގެ ބިން ވިއްކުމާ ބެހޭ އުސޫލުގެ ދަށުންނެވެ.
ބިންތައް ވިއްކުމަށް ހަަމޖެހިފައިވާ އަކަފޫޓަކަށް 2000 ރުފިޔާގެ މަގުންނެވެ. ބިންތައް ވިއްކުމުގައި، ބެހެނިވެރިންނާއި، ބިންތަކުގެ އިންވެގެން އޮންނަ ބިންތަކުގެ ވެރިންނަށް އިސްކަންދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގައިވާ ފޯމު ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދަޢުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގައިވާ ފޯމުގައި ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ބިންތައް ގަތުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ އަންނަ މަހު 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވެށިފަހި މާލެ ޕްރާމް އޮފީހަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ބިންވެރި ކުރުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން މާލޭގެ ކުދި ބިންތައް ދޫކޮށްލުމުން، އެބިންތަކުގެ ވެރިންނަށް ފްލެޓްދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.