22 Feb 2018, 12:21
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިތުރުކޮށްފި އެވެ.
ޖޭއެސްސީން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފަ އެވެ. އެ ފުރުސަތު ކުރިން އޮތީ މިއަދުގެ ނިޔަލަށް ހަމަވާ ގޮތަށެވެ.
ނަމަވެސް ޖޭއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރިއިރު، ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
ފަނޑިޔާރުކަމުގެ ޝަރުތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އަދި ސިވިލް ކޯޓުގައި މިހާރު ތިއްބެވީ ޖުމްލަ 12 ފަނޑިޔާރުންނެވެ.