ޓްރިޕޮލީ (އޮގަސްޓް 22) : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ރޭ ދަންވަރު ޓްރިޕޮލީ އެއްކޮށްހިފައި ކާރނަލް ޤައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމްއާއި ގައްޒާފީގެ ސަރުކާރުގެ އިސްބައެއް ވެރިން ހައްޔަރުކޮށްފިއެވެ. އަލްޖަޒީރާ ބުނާގޮތުން މުޅި ޓްރިޕޮލީވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ.

ގައްޒާފީގެ ސަރުކާރުގެ އިސްވެރިންނާއި އޭނާގެ ޢައިލާގެ މީހުންގެ ތެރެއިން ހައްޔަރުނުކުރެވޭ މީހުންތިބީ ގައްޒާފީގެ ރިޔާސީ އެކުވެނީގެ ބިންގަރާހެއްގައާއި ބޭރުގެ ނޫސްވެރިންތިބޭ ޓްރިޕޮލީގެ ހޮޓަލެއްގައި ކަމަށާ އެމީހުންވެސް ވަރަށް އަވަހަށް ހައްޔަރު ކުރެވޭނެ ކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެއެވެ.

މާބޮޑު ހަނގުރާމައަކާ ނުލައި އިދިކޮޅު ހަނގުރާމަވެރިން ޓްރިޕޮލީ ހިފީ ގައްޒާފީގެ ބާރުތަކުގެ ކޮމާންޑަރުން ހަނގުރާމަ ނުކުރުމަށާއި އަމާން ދިނުމަށް އެމީހުންގެ ކޮމާންޑްގެ ދަށުގައިވާ ގައްޒާފީގެ ބާރުތަކުގެ ސިފައިންނަށް އެންގުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ގައްޒާފީއާއި އޭނާގެ ޢާއިލާގެ ޙިމާޔަތުގައިތިބޭ ސްޕެޝަލް ފޯސްގެ ކޮމާންޑަރުވެސްވަނީ އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތި ނުލުމަށް އޭނާގެ ސިފައިންނަށް އަންގާފައެވެ.

ނަތީޖާއެއްގެ ގޮތުން ގައްޒާފީގެ ބާރުތަކުގެ އެއްބަޔަކު އިދިކޮޅު ހަނގުރާމަވެރިންނާ ބައިވެރިވެ އަނެއްބަޔަކު ފިލާފައިވާ ކަމަށް ޚަބަރުލިބެއެވެ. ހަނގުރާމަވެރިންވަނީ ހަތިޔާރު ބަހައްޓާ ގައްޒާފީގެ ބާރުތަކުގެ ސިފައިންނަށް މަޢާފްދޭނެކަން ހާމަކޮށްފައެވެ. ގައްޒާފީގެ ހިލަމެއް އަދި ނުވާތީ އޭނާ މިގެ ދެދުވަސް ކުރިން ޓްރިޕޮލީން ފިއްލަވާފައިވާ ކަމަށާ އޭނާ ވީތަނެއް ހޯދުމަށް ހަނގުރާމަވެރިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ޚަބަރުލިބެއެވެ. -- އަލްޖޒީރާ، ނޫސް އެޖެންސީތައް

http://www.youtube.com/watch?v=x_QurLCMpzA&feature=player_embedded