ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުވެސް ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ސީޒަންގެ ފުރަތަމަ ކޮޅުގައި ރެއާލްގެ ފަރާތުން ދަށް ފޯމެއް ފެނިގެން ދިޔަ ނަމަވެސް ރޭގެ މެޗަށް ނުކުތްއިރު ރެއާލް އޮތީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެފައެވެ. މިދިޔަ ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ރެއާލްއިންވަނީ ޕީއެސްޖީވެސް ބަލިކޮށްފައެވެ.

ރެއާލްއާއި ލިގޭންސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރެއާލްއިން ރޭ ރަށުން ބޭރުގައި ލެގާނޭސްގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުން ރެއާލް މޮޅުވީ ލެގާނޭސްއިން ލީޑު ނަގައިފައިވަނިކޮށް ފަހަތުން އަރައެވެ.

ރޭގެ މެޗަށް ރެއާލްއިން ނުކުތީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައެވެ. މެޗުގެ ހަވަނަ މިނެޓުގައި ލެގާނޭސްއިންވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ އުނައި ބުސްޓިންޒާއެވެ.

ވަޒްކުއޭޒްގެ ގޯލަށްފަހު ބެންޒެމާއާއެކު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ލެގާނޭސްއަށް މެޗުގެ ލީޑު ދެމެހެއްޓުނީ ފަސް މިނެޓު ވަންދެނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްގެ ޒުވާން ފޯވަޑް ލޫކަސް ވަޒްކުއޭޒްގެ ގޯލުން ރެއާލް ނަތީޖާ ހަމަހަމަ ކުރިއެވެ. ވަޒްކުއޭޒްގެ ގޯލާއެކު ރެއާލްއިން ކުޅުން ރަނގަޅު ކުރިއެވެ. އަދި އެޓީމުންވަނީ މެޗުގެ 29 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ރެއާލްއަށް މެޗުގައި ލީޑު ނަގައިދިނީ ބްރެޒިލް މިޑްފީލަޑަރ ކަސަމޭރޯއެވެ.

ދެވަނަ ހާފްގައިވެސް ޑޮމިނޭޓްކޮށް ކުޅުނީ ރެއާލް މެޑްރިޑުންނެވެ. އެހެން ނަމަވެސް ލިބުނު މަދު ފުރުސަތުތަކުން ލެގާނޭސްވެސް ވަނީ ހަމަލާ އުފައްދައިފައެވެ.

ރެއާލްއަށް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސްކޯ --- ފޮޓޯ/ އޭޕީ

މެޗުގެ 90 ވަނަ މިނެޓުގައި ރެއާލްއަށް ނަތީޖާ ކަށަވަރުކޮށްދިނީ ޑިފެންޑަރު ރާމޯސްގެ ގޯލުންނެވެ. ރާމޯސް ކާމިޔާބުކުރީ ރެއާލްއަށް ލިބުނު ޕެނެލްޓީއެކެވެ.

މި މެޗުން މޮޅުވެ، ކުޅުނު 24 މެޗުން 48 ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 24 މެޗުން 55 ޕޮއިންޓެވެ. އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ ހަތް ޕޮއިންޓްގެ ލީޑެއްގައެވެ.