22 Aug 2011, 09:37
ކަރާޗީ (އޮގަސްޓް 22) : ޕާކިސްތާނުގެ އެންމެ ބޮޑު ރަށްކަމަށްވާ ކަރާޗީގައި ހިނގަމުންދާ ނަސްލީ އަދި ސިޔާސީ ހަމަނުޖެހުންތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ހަމަނުޖެހުންތައް ހުއްޓުވުމުގައި ފުލުހުން ނުކުޅެދިފައިވާ ކަމަށް ޕާކިސްތާން ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަޝްފާޤް ކިޔާނީ ވިދާޅުވެއްޖެ އެވެ.
ޖެނެރަލް ކިޔާނީ ވިދާޅުވީ ސަރުކާރުން އެދެފިނަމަ ހަމަނުޖެހުންތައް ހުއްޓުވުމަށް ސިފައިން ނެރެން ތައްޔާރަށް ހުންނެވި ކަމަށާ ސިފައިން ނެރެގެން ވެސް ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ސިފައިންގެ އެހީއަށް އެދުމާއި ނޭދުމުގެ އިޚްތިޔާރު ލިބިގެންވަނީ ޕާކިސްތާން ސަރުކާރަށް ކަމަށާ ސަރުކާރުން ނުބައްސަނީސް އެތެރޭގެ ހަމަނުޖެހުންތަކުގެ ތެރެއަށްވަނުމަކީ ޕާކިސްތާން ސިފައިންގެ ޤާނޫނީ ޒިންމާއެއް ނޫންކަމަށް ޖެނެރަލް ކިޔާނީ ވިދާޅުވިއެވެ.
ޖެނެރަލް ކިޔާނީ އިތުރަށް ވިދާޅުވީ ކަރާޗީއަކީ ޕާކިސްތާނުގެ އެންމެ ބައިބޯ އަދި އެންމެ ބޮޑު ސިޓީ ކަމަށްވާތީ ކަރާޗީގައި ހިނގަމުންދާ ހަމަނުޖެހުންތައް ދިގުލައިގެން ދިޔުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ. ކަރާޗީއަކީ ޕާކިސްތާނުގެ އިޤްތިސާދުގެ މަރުކަޒު ކަމަށާ ކަރާޗީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ޤައުމުގެ ހުރިހާ ކަމަކަށްވެސް ނޭދެވޭ ގޮތެއްގައި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރު ކުރީކޮޅުން ފެށިގެން އެކިދުވަސްވަރު ކަރާޗީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 900 އެއްހާމީހުން މަރުވެ އެތަށް ސަތޭކަބަޔަކު ޒަޚަމްވެފައިވެއެވެ. ހަމަނުޖެހުންތައް ދޭތެރެއަކުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވާ ނަމަވެސް ހަމަނުޖެހުންތައް މުޅިން ނިމުމަކަށް ގެނެވިފައެއް ނުވެއެވެ.
މިދިޔަ ހަފްތާގައި ވެސް ކަރާޗީގައި ނަސްލީ އަދި ސިޔާސީ ހަމަނުޖެހުންތައް ހިނގާފައިވެއެވެ. ކަރާޗީގެ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ ސިޔާސީ ޕާޓީތަކާ ގުޅިފައިވާ ގޭންގް ތައް ކަމަށާއި ހަމަނުޖެހުންތައް ނުހުއްޓުވިގެން އުޅެނީ ހަމަނުޖެހުންތައް ހިންގާ ގޭންގްތަކާއި ސަރުކާރު ހިންގާ ޕާޓީއާ އަދި އިދިކޮޅު ފަރާތްތަކާ ވެސް ކޮންމެވެސް ހިސާބަކުން ގުޅިފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. – އަލްޢާލާމް، ރޮއީޓާސް