14:30


ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް އުޅޭ މައްސަލައިގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް އަމުރު ނެރުއްވި ބޭފުޅުން ހާޒިރުވެވަޑައިނުގެންނެވުމުން، އެ މައްސަލަ ދެން ކުރިއަށް ގެންދާނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ކޮމިޓީގެ މުގައްރިރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.


މައްސަލައާ ބެހޭ މައުލޫމާތު އޮޅުންފިލުވުމަށް ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަސްއޮޑި އަހްމަދު ނަސީމާއި، އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިއުޝާ ޒާހިރާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އިލިޔާސް ހުސެއިން އިބްރާހިމް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ހާރުވެވަޑައިނުގެންނެވުމުގެ ސަބަބުން އެބޭފުޅުން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމަށް އެދި ކޮމިޓީގެ މުގައްރިރު ނެރުއްވި އަމުރަށް ވެސް އެ ބޭފުޅުން ކޮމިޓީއަށް ވަޑައިނުގެންނެވުމުން އެ މަސައްކަތް ކޮމިޓީގައި ދެން ކުރިއަށްގެންދާނެ ގޮތަކާ މެދު މަޝްވަރާކުރެއްވުމަށްފަހު މިއަދުގެ ބައްދަލުވުން ނިންމާލައްވަމުން ޔާމީން ވިދާޅުވީ، ދެން ކޮމިޓީގެ ބައްދަލުވުން ބާއްވާނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.


ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މަސައްކަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅަށް މަޖިލީހުގެ ރައީސް ދެއްވި ޖަވާބު ކޮމިޓީއަށް އިއްވެވި އެވެ. މަޖިލީހުގެ ލީގަލް އޮފިސަރ އިއްވެވި އެ ޖަވާބުގައި ވަނީ ކޮމިޓީ ހިނގަމުންދަނީ ގަވާއިދާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.


ކޮމިޓީ އަށް ހާޒިވެވަޑައިގެންނެވުމަށް އެންގެވި ބޭފުޅުން މިއަދު ވެސް ހާޒިރުވެވަޑައިނުގެންނެވި މައްސަލަ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ދިފާއުކުރައްވައިފަ އެވެ.


ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ކޮމިޓީން އަމުރު ނެރެފައިވާ މައްސަލައިގައި އެ ބޭފުޅުން ހާޒުވެވަޑައިގެންފައި ނުވަނީ މަޖިލީހުގެ ގަވާއިދަށް ހަވާލާ ދެއްވާފައި ކަމަށެވެ. އަދި އެ މާއްދާ ދެ ފަރާތުން މާނަކުރުމުގައި މައްސަލަ އެބައުޅޭ ކަމަށް ވިދާޅުވެ އެ މައްސަލަ ކޯޓަށް ފޮނުއްވުމަށް ގަފޫރު ކޮމިޓީއަށް ހުށަހެޅުއްވި އެވެ.


އަދި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު މަޖިލީހުގެ ގަވާއިދަށާއި ގާނޫނު އަސާސީ އަށް ހަވާލާދެއްވައި، ސަރުކާރުން ވަޑައިނުގެންނެވި ބޭފުޅުން ދިފާއުކުރައްވައި މައްސަލަ އަށް ކޮމިޓީގެ މުގައްރިރު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.


އެ މެންބަރުންނަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު އަބްދުﷲ ޔާމީން ވިދާޅުވީ، މި ކޮމިޓީއަށް އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. އަދި މަޖިލީހުގެ މުވައްޒިފުންނަށް އެ މަނިކުފާނު ނުފޫޒު ނުފޯރުވާ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ނުފޫޒު ފޯރުއްވެވުމަށް މަސައްކަތް ކުރައްވައިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.


ކޮމިޓީގެ ބައްދަލުވުމަށްފަހު ސަންއެފްއެމަށް ދެއްވި އިންތަވިއުއެއްގައި ޔާމީން ވިދާޅުވީ، ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް އުޅޭ މައްސަލައިގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނެރުނު އަމުރަށް އެ ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވި ބޭފުޅުންނާ ދެކޮޅަށް ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ފިޔަވަޅު އެޅިދާނެ ކަމަށެވެ.


ޔާމީން ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް އޭނާ ހުންނަވައިގެން ސިޔާސީ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތަފްސީލް ދެއްވެން ނެތް ކަމަށެވެ. ނަމަވެސް ގާނޫނީ ގޮތުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސްގެން ފިޔަވަޅު އެޅިދާނެ ކަމަށާއި، ގާނޫނީ އަމުރަކަށް ކިޔަމަންނުވެގެން ވެސް ފިޔަވަޅު އެޅިދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.