21 Feb 2018, 23:55
މަސްވެރިންނަށް ލުއި ފަސޭހަކޮށް އައިސް ފޯރުކޮށްދިނުމަށް މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިސް ޕްލާންޓް ގާއިމް ކޮށް ނިމޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލަގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުއްވައިދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހިންގާ ކާރުހާނާގެ އިތުރުން، ގދ. ތިނަދޫގައި ވެސް އައިސް ޕްލާންޓެއް ގާއިމުކޮށް، އަންނަނީ މަސްވެރިންނަށް އައިސް ދޫކުރަމުންނެވެ. އަދި ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް މިދިޔަ އަހަރުގެ ބަހައްޓާފައި ވާއިރު، ގއ. ގެމަނަފުށި ހިމެނޭ ގޮތަށް ޖުމްލަ ނުވަ ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރަން މިފްކޯއިން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ތ. ހިރިލަންދޫގައި އައިސް ޕްލާންޓެއް ގާއިމްކޮށް ހިދުމަތް ދޭން ތައްޔާރުވެފައިވަ ކަމަށް މިފްކޯއިން ދާދި ފަހުން ވަނީ ބުނެފައެވެ.
މަސްދޯނި ފަހަރަށް ބޭނުންވާ އައިސް ލިބުމުގެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން ބައެއް މަސްދޯނި ފަހަރުގައި އައިސް އުފެއްދޭނެ ނިޒާމް ހަރުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.